ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލުތަކާއެކު، ހުވާކުރެއްވި 14 ވަޒީރަކަށް ރުހުންދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ގެންނަވާ ބަދަލުތަކާއެކު މަޤާމުގެ ހުވާކުރައްވާ ވަޒީރުންނަށް ގާނޫނީ ބާރުވެރިކަން ލިބިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. އެހެންވެ މި މައްސަލަ އެމަނިކުފާނު މަޖިލީހަށް ފޮނުއްވީ މި މަހުގެ 20ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.

އެގޮތުން ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ ވަޒީރުންނަކީ:

  1. - ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދު

  2. - މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު
  3. - ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން
  4. ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް
  5. ތައުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
  6. ސިއއްހީތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ
  7. އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
  8. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް
  9. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު
  10. ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން
  11. ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު
  12. ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު
  13. ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބް
  14. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ނިންމީ ދެ މައްސަލައެއްގެ ގޮތުގައި ފޮނުވިނަމަވެސް 14 ވަޒީރުންގެ މައްސަލަ އެއް މައްސަލައެއްގެ ގޮތުގައި ދިރާސާކުރުމަށެވެ. އަދި ހުރިހާ ވަޒީރުންނަށްވެސް ރުހުން ދިނުމަށް އެކުގައި ވޯޓަށް އެހުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމީ 14 ވަޒީރުންނަށްވެސް ރުހުންދޭން ފެންނަ ކަމަށެވެ. މިގޮތަށް ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނެވީ މި މަހުގެ 14 އަދި 15ގައެވެ. އެގޮތުން، ވަޒީރުންގެ މަޖިލީހުގެ އަދަދު 20 އިން 15 އަށް މަދުކޮށް، 10 ވަޒީރަކު އިސްތިއުފާ ދެއްވިއެވެ.