އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް ޢައްޔަނު ކުރެވެނީ ހުސްވެފައިވާ ސަފީރުންގެ މަޤާމުތަކަށް ޢައްޔަނު ކުރެއްވުމަށް ކަނޑައެޅިފައިވާ ބޭފުޅުން ކަމަށާއި އެއީ އަލަށް އުފައްދަވާ މަޤާމުތަކެއް ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްކަމުގެ މަޤާމަށް ތިން ބޭފުޅަކު ޢައްޔަނު ކުރައްވާފައެވެ.

މިގޮތުން މިފަހުން އެ މަޤާމަށް ޢައްޔަނު ކުރެވުނު ބޭފުޅުންނަކީ އާދަމް ޝަރީފު ޢުމަރާއި، ޠާރިޤު އިބްރާހީމް އަދި އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދުއެވެ.

މީގެ އިތުރުން މުންދު ވިދާޅުވީ ބައެއް މީޑިއާތަކަށް މިކަން ސާފުވެފައި ނުވާތީ، ހުރިހާ ފަރާތްތަކެއްގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދަންނަވާކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި އާދަމް ޝަރީފް ވަނީ ސިޓީސް، ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި ތޯރިގް ވަނީ ޓޫރިޒަމް، އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރައްވައިފައެވެ.