ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަނާލުގައި މަރުވި 18 އަހަރުގެ އަންހެން ކުއްޖާގެ މަރުގެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެ ކުއްޖާގެ ޒާތީ މައުލޫމާތުތަކެއް ހާމަކުރުމަކީ ގޯހެއް ކަމަށާއި، ނަމަވެސް އެއީ މަޖުބޫރީ ހާލާތުގައި ކުރެއްވި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ސިލްސިލާކޮށް ކޮންމެ ހަފްތާއަކު ރައީސް އޮފީހުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދާހިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ ކުއްޖާ، ފުލުހުންގެ މެންޓަލް ހެލްތު ސަޕޯޓާ ދެއްކި ބައެއް ވާހަކަތައް ލައިވް ޓީވީގައި ހިއްސާކުރައްވައިފައެވެ. އެއާއެކު ވަރަށް ގިނަ އާންމު ރައްޔިތުންނާއި، ނަފްސާނީ ސިއްހަތުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ވެސް ކަންބޮޑުވުން ފާޅުކުރިއެވެ.

މިކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ވަޒީރު އެ ދުވަހު ކަން ކުރެއްވި ގޮތާއި، މީގެ ކުރިން އަންހެން ކުއްޖަކު ފުރާޅަށް ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކަންކުރި ގޮތާމެދު ރައީސް ދެކެވަޑައިގަންނަވާ ގޮތާމެދު ސުވާލުކުރުމުން، އެ މަނިކުފާނު ވިދާޅުވީ ހާމަކުރި މިންވަރަށް ވެސް އެ ދެ ހާދިސާގައި މައުލޫމާތު ހާމަކުރީ މަޖުބޫރު ވެގެން ކަމަށެވެ.

"އެކަމު އެއީކީ ވެސް ރަނގަޅު ކަމެއް ނޫން. އެ ވެސް ނުދީވާނެ ގޮތްވާންޖެހޭނެ އަޅުގަނޑުމެންގެ ތެރެއިން އެ އަންނަ ޑިމާންޑް އަންނަނީ ގޯސްކޮށް ކަމެއް ކޮށްފައޭ މި އޮންނަނީ ކޮންމެސް މީހަކު. އެކަމާ ހަވާލުވެފައި ހުރި މީހާ ނޫނިއްޔާ އޭނާގެ ދަށުން މަސައްކަތްކުރި މީހާ. ކޮންމެސް މީހަކު ގޯސް ހަދައިފި. ފުރަތަމަ ވެސް ގޯސް ހެދިކަމަށް މި ނިންމަނީ"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ ފުރަތަމަ ވެސް ގޯހެއް ހެދިކަމަށް ނިންމުމުން، އެ މަސައްކަތެއް ކުރަން ހުންނަ އާދައިގެ މުވައްޒަފު، އޭނާ ގޯހެއް ނަހަދާކަމަށްވަންޏާ އިތުރު ޕްރެޝަރަކަށް ދާ ކަމަށެވެ. އަދި އޭނާގެ އާއިލާ ވެސް ނުރައްކަލަކަށް ހުށަހެޅޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މިއީ ވަރަށް އުނދަގޫ ހާލަތެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެ ކުއްޖާ ކޭސްގައި އެ ދުވަހު އަސްލުގައި ހަމަ އެއްވެސް މައުލޫމާތެއް ނުދީ ވާންޖެހޭ ކަމެއް ކަމަށާއި، އެކަމަކު އެކަމުގައި މަސައްކަތްކުރި ފަރާތްތަކަށް އެ އައި އިލްޒާމްތަކާއި ސޯޝަލް މީޑިއާގައި ހާއްސަކޮށް ފަތުރަމުންދިޔަ ބައިވަރު ވާހަކަތަކުގެ ސަބަބުން އެ ކަމުގައި އުޅުއްވި ބޭފުޅުން ލިމިޓެޑް މައުލޫމާތުކޮޅެއް ދިނީކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަމު އެވެސް އަސްލު ދީގެންވާނެ މައުލޫމާތެއް ނޫން. އިންޓަނޭޝަނަލް މިންގަނޑުތަކުގައި ކަމުދާކަމެއް ނޫންއެއީކީ. މި ޕްރޮފެޝަންގައި މަސައްކަތްކުރާ ބޭފުޅުން ވެސް ގަބޫލުކުރާ ކަމެއް ނޫން. އަދި އަޅުގަނޑު ވެސް ގަބޫލެއްނުކުރަން އެ ކަން ގޮތަށް ކުރަންޖެހޭނެ ކަމަކަށް"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އެ ކުއްޖާގެ މަރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވަނީ އެކި ވާހަކަތައް ފަތުރައި އެކި ތުހުމަތުތައް އިދާރާތަކަށް ރައްދުކޮށްފައެވެ. އެއް ކަމަކަށް ފުލުހުން އެކަށިގެންވާ އެހީތެރިކަން ފޯރުކޮށްނުދޭ ކަމުގެ ޝަކުވާ ކޮށްފައިވެއެވެ.