މެންޓަލް ހޮސްޕިޓަލެއް އަޅަން މާލެ ސަރަހައްދުން ބިމެއް ހޯދައިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ނުސްވެރިއަކު ކޮށްފައިވާ ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ބަޖެޓުން މާލޭގައި ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ނިންމަވާފައިވާކަމަށެވެ.
އެގޮތުން މެންޓަލް ހޮސްޕިޓަލް ގާއިމް ކުރަން ނިންމާފައިވަނީ ގާތްގަނޑަކަށް 14 ހާސް އަކަފޫޓުގެ ބިމެއްގައި ކަމަށެވެ.
މީގެ އިތުރުން އެއީ ޑިޒައިންކޮށް، ޢޯޕަން ސްޕޭސް ހުރިހާ ކަމަކާއެކު ލ. ގަމުގައި އަޅަން ނިންމާފައިވާ ތަނެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި މާލެ ސިޓީގެ ސަރަހައްދުން ވެސް މިހާރު މެންޓަލް ހޮސްޕިޓަލެއް އެޅުމަށް އެފަދަ ބިމެއް، ހޯދާފައިވާކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ލ. ގަމުގެ މި މަޝްރޫއަށް ބޭރުގެ ލޯނު އެހީގެ ބޭނުމަށް ހުށަހެޅީ ޕްރޮޕޯސަލް އެއްކަމަށެވެ.
މީގެ އިތުރުން އެ ޕްރޮޕޯސަލް ގެ ޖުމްލަ އަދަދަކީ 18 މިލިއަން ޑޮލަރު ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދައުލަތުގެ ބަޖެޓުން އެ މަޝްރޫއު ކުރިއަށް ގެންދާނަމަ އެއަށްވުރެ ހަރަދު ކުޑަ ވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މާލެގައި އަޅާ ހޮސްޕިޓަލަކީ ދައުލަތުގެ ބަޖެޓުން ލޯކަލީ ކުރާ ކަމެއް ކަމުން، ކުދި ކުދި ބަދަލުތައް އަންނާނެ ކަމަށެވެ. އަދި ކޮންމެހެން 18 މިލިއަން ހަރަދު ނުވާނެ ކަން ފަހަގަކުރައްވާ ރައީސް ވިދާޅުވީ ހަރަދުތައް ކުޑަ ކުރަން މަސައްކަތް ކުރާނެ ކަމަށާއި، ވަރަށް ބޮޑުތަނުން ކުޑަ ވެދާނެ ކަމަށެވެ.
ހަމަމިއާއެކު މެންޓަލް ހެލްތު ފެސިލިޓީއެއްގައި ޖާގަ ތަނަވަސް ވާން ޖެހޭނެ ކަމަށާއި ހަރަދުތައް ކުޑަ ކުރަން މަސައްކަތް ކުރި ނަމަވެސް އޭރިއާ ބަލާނި ވީހާވެސް ބޮޑު ކުރެވޭތޯ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ފަހަކަށް އައިސް ނަފްސާނީ ބަލިތައް ތަހައްމަލް ކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އާސަންދައިން ނަފްސާނީ ބައްޔަށް ފަރުވާދޭން ފެށިފަހުން 1 ޖަނަވަރީން ފެށިގެން ވަރަށް ގިނަ ފަރާތްތަކަށް ހިދުމަތް ދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޖަނަވަރީ 1 އިން އެޕްރީލް މަހުގެ 23 އަށް 10،954 މީހަކަށް މެންޓަލް ހެލްތުގެ ދާއިރާއިން ސައިކޭޓްރިކް ކޮންސަލްޓޭޝަން އަދި ސައިކޮލޮޖިކަލް ތެރަޕީ ކަވަރޭޖް ދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކިއެކި އަތޮޅުތަކުގައިވެސް މިކަމާއި ގުޅޭ ހިދުމަތް ދިނުމުގެ މަސައްކަތް ކުރެވިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.