މޯލްޑިވްސް ޑިޖިޓަލް ސަމިޓުގެ ނަމުގައި ސަމިޓެއް ބާއްވަން މޯލްޑިވްސް ޑިޖިޓަލް ސާވިސް އިން ނިންމައިފިއެވެ.

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ މިއީ މޯލްޑިވްސް ޑިޖިޓަލް ސާވިސް (އެމް.ޑީ.އެސް) އާއި ވޯލްޑްބޭންކް ގުޅިގެން ބާއްވާ ސަމިޓަކަށް ވީއިރު، މި ސަމިޓަކީ ރާއްޖޭގެ ޑިޖިޓަލް ފަސްޓް ނޭޝަން ޓްރާންސްފޮމޭޝަން އެޖެންޑާ ކުރިއަށް ގެންދިއުމުގެ މަގްސަދުގައި ބޭއްވުމަށް ހަމަޖައްސާފައިވާ ސަމިޓެއް ކަމަށެވެ.

އެ ވިޒާރާ އިން ބުނީ މި ސަމިޓް ބޭއްވުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 27 އިން 29 އަށް ބާސެލޯ ނަސަންދުރާ ހޮޓެލްގައި ކަމަށެވެ. މި ސަމިޓް ބޭއްވުމަށް މޯލްޑިވްސް ޑިޖިޓަލް ސާވިސް އާއި ޑީމެޑް ޕްރޮޖެޓް ޓީމުން އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާއިރު، މި ސަމިޓަކީ މޯލްޑިވްސް 2.0 ގެ ރޯޑުމެޕްގައި ހިމެނޭ ހަރަކާތްތަކާއި މޯލްޑިވްސް 2.0ގެ ވިޝަން ހާސިލުކުރުމަށްޓަކައި މުހިއްމު ދައުރެއް އަދާކުރާނެ ސަމިޓެކެވެ.

މީގެ އިތުރުން މިސަމިޓަކީ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ އިނީޝިއޭޓިވްތައް އިތުރަށް ހަރުދަނާ ކުރުމަށް ދުނިޔޭގެ ލީޑަރުންނާއި، ބައިނަލްއަގްވާމީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ބައިނަލްއަގްވާމީ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެކްސްޕާޓުން އެއްތަނަކުން ފެނިގެންދާނެ ސަމިޓެއް ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

މި ސަމިޓުގެ މައިގަޑު މަގްސަދުގެ ތެރޭގައި އިންސްޓިޓިއުޝަނަލް ކޯޑިނޭޝަން ހަރުދަނާ ކުރުމާއި، ޕަބްލިކް ސާވިސަސް ޒަމާނީ ކުރުމާއި، ޑޭޓާ ޑްރައިވިން ގަވަނަންސް ގާއިމުކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކާއި އަމަލީ ގުޅުންތައް ބަދަހިކުރުން ހިމެނޭ ކަމަށް މައުލުމާތުދެއެވެ.

އެ ވުޒާރާއިން ބުނީ މި ސަމިޓުގައި ބައިވެރިވާ ފަރާތްތަކުން ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ އާއި، ޑިޖިޓަލް ދައުލަތެއް ބިނާކުރުމާއި ގުޅޭގޮތުން އަލިއަޅުވާލުމާއި ދުނިޔޭގެ އެންމެ ރަނގަޅު ގޮތްތަކާއި، ހަގީގީ ދުނިޔޭގެ ތަޖުރިބާތައް ހިއްސާކުރުމަށް ހަމަޖައްސާފައިވަކަމަށެވެ.

މި ސަމިޓުގައި ބައިވެރިވަޑައިގަންނާވާ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކީ ނޯޓު ސްޕީކާރސް ތެރެގައި ހިމެނެނީ މޮލްޑޯވާގެ ޑިޖިޓަލައިޒޭޝަންގެ ފޯމާ ޕްރައިމް މިނިސްޓަރު، އިއުރީ ޓުރްކާނޯ،ސައުތު ކޮރެއާގެ ނޭޝަނަލް އިންފޮމޭޝަން ސޮސައިޓީ އޭޖެންސީގެވައިސް ޕްރެޒިޑެންޓް މިސްޓަރު ޔޫން ސިއޮކް ކޯ، ޔޫކޭގެ ގަވަމެންޓް ޑިޖިޓަލް ސާވިސްގެ ފޯމާ ޕްރޮގްރާމް ޑިރެކްޓަރު މިސް ޖެސިކާ މެކްއެވޮއީއެވެ.

މި ސަމިޓުގައި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މުހިންމު އަސާސްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖައްސާފައިވާއިރު، އޭގެ ތެރޭގައި ގަވަނަންސް އެންޑް އިންސްޓިޓިއުޝަނަލް ކޯޑިނޭޝަން ފޯ ޑިޖިޓަލް ޓްރާންސްފޯމޭޝަން، ނޭޝަނަލް ޑޭޓާ އެކްސްޗޭންޖް ޕްލެޓްފޯމް މެދުވެރިކޮށް ރައްކާތެރި އަދި އިންޓައޮޕަރަބަލް ޑޭޓާ ޝެއާ ކުރުން، ސިޓިޒަން ސެންޓްރިކް ސާވިސް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ޑިޖިޓަލް އައިޑެންޓިޓީ ސިސްޓަމް އާއި ޓްރަސްޓެޑް ޑިޖިޓަލް ޓްރާންސެކްޝަންސް އާއި ގުޅޭ ގޮތުން މަޝްވަރާކުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ކުރިއަރަމުން އަންނަ ޓެކްނޯލޮޖީސްތައް ޒިންމާދާރު ގޮތުގައި ބޭނުން ކުރާނެ ގޮތް އަދި މޯލްޑިވްސް 2.0ގެ މަގުޗާޓުގައިވާ ހަރަކާތްތައް އިމްލިމެންޓްކޮށް ތަރައްޤީ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރުން ހިމެނެއެވެ.