މަރޗް މަހުގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރާތީ، މައްސަލައެއް އުޅޭ ކަމަށް ޝައްކު ކުރެވޭ ބިލްތައް ޗެކްކޮށްދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
މާޗް މަހުގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރާތީ، އެކަމާ ގުޅިގެން ފެނަކަ އިން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނީ މާރިޗު މަހުު ރީޑިން ނެގުމުގައްޔާއި ކަރަންޓު ބިލު ތައްޔާރު ކުރުުމުގައި އެ ކުންފުނިން އަމަލުކޮށްފައިވަނީ އާންމު އެހެން މަސްމަހުގައިވެސް އަމަލު ކުރަމުންދާ އުސޫލުން ކަމަށެވެ.
ފެނަކައިން އަމަލުކުރާ އުސޫލަކީ ގާނޫނާއި ގަވާއިދުތަކުން ކަނޑައެޅި، އާއްމު ކުރެވިފައިވާ އުސޫލެއް ކަަން ފާހަގަކޮށް އެއާ ހިލާފަށް އެއްވެސް ބިލެއް ތައްޔާރުކޮށް އަދި ބިލަށް ބަދަލު ގެނެސްފައި ނުވާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ.
ފެނަކައިން ބުނީ އެ ކުންފުނިން ތައްޔާރުކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލަ އުޅޭކަމަށް ޝައްކު ކުރެވިގެން ރީޑީން އިތުރަށް ޗެކް ކުރަން ބޭނުން ވެއްޖެނަމަ އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ސަރުކާރުން ކަރަންޓް ބިލަށް ދިން ޑިސްކައުންޓާއެކު ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ވެސް ފޮނުވައިފައިވަނީ 400 ރުފިޔާގެ ބިލެކެވެ. ނަމަވެސް މި މަހުގެ ބިލުތައް އެހެން މަސްތަކާ އަޅާ ބަލާއިރު މާ ބޮޑު ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އާންމުކޮށް 500 ރުފިޔާ އިން ދަށުގައި ކަރަންޓު ބިލް ހުންނަ ގޭގޭގެ ބިލަށް މިމަހު 3،000 ރުފިޔާ އަރާފައި ހުރި ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އަދި ރަށްރަށުގައި 1،000 ރުފިޔާ ނުވަތަ 2،000 ރުފިޔާ އަރާ ގޭގޭގެ ބިލަށް މިފަހަރު 6،000 ރުފިޔާ އަރާފައިވާ ކަމަށް ބުނެ، ބައެއް މީހުން ބިލްގެ ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި އެވެ.
މިކަމާގުޅިގެން އެ ކުންފުނިން ވަނީ ކޮންމެ އަހަރެއްގެ ވެސް މާޗް މަހާއި އޭޕްރީލް އަދި މެއި މަސް ހިމެނޭ ދުވަސްވަރަކީ އެންމެ ގިނަ އަދަދަކަށް ކަރަންޓު ބޭނުން ކުރެވޭ ދުވަސްވަރު ކަމަށްވާތީ ކަަރަންޓް ބޭނުން ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
މިއީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނު ގަދަވާ ދުވަސްވަރެވެ. އަދި މާޗް މަހާއި އޭޕްރީލް މަހުގެ ގަދަ ހޫނުގައި މިއަހަރު ރާއްޖޭގެ ބައެއް ހިސާބުތަކަށް އިހުސާސް ކުރެވޭ ހޫނުމިން އާންމުކޮށް 35 ޑިގްރީ ސެލްސިއަސް އަށް އެރިއިރު، މި މަހުގެ ހަތަރު ވަނަ ދުވަހު މާލެ އަށް ވަނީ އިހުސާސްކުރެވޭ ހޫނުމިން 37.3 ޑިގްރީ ސެލްސިއަސް ވެސް އަރައިފަ އެވެ. އެހެންވެ، ކޮންމެ އަހަރަކު ވެސް މިއީ ކަރަންޓް ބޭނުންކުރުން ވެސް އެންމެ ބޮޑަށް އިތުރުވާ ދުވަސްވަރެވެ.