ވިލިމާލޭގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ފްލެޓްތައް ހިމެނޭ 3 ޓަވަރުގެ ތެރެއިން 1 ޓަވަރު އަޅަން ކަނޑައެޅި ސަރަހައްދުގައި ހުރި ގަސްތައް ނަގަންޖެހޭތީ، އެ ޓަވަރު އެހެން ސަރަހައްދެއްގައި އެޅުމަށް ނިންމާފިއެވެ.

ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ހުރި ގަސްތައް ކަނޑައި، ހައުސިން ޔުނިޓު އަޅަން ސަރުކާރުން ނިންމާފައިވާތީ އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އެކަމާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭގެ ތެރެއިން އެއް ޓަވަރު އެހެން ސަރަހައްދެއްގައި އަޅަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި އެކަށީގެންވާ މިންވަރަށް ޕާކުތަކާއި ހުސް ޖާގަ ނެތް ކަމަށާއި، އެތައް ހާސް އާއިލާއަކުން ދިރިއުޅެމުންދަނީ ހަމަޖެހިލައިގެން ދިރިއުޅެވޭ ވަރަށް ވުރެ ދަތި ތަންތަނުގައި ކަމީވެސް ދެބަސްނުވެވޭނެ ހަގީގަތެއް ކަން ފާހަގަކުރައްވާ މުއްތަލިބް ވިދާޅުވީ އެ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މުއްތަލިބް ވިދާޅުވީ މާލެ ސަރަހައްދުގައި ހިއްކާފައިވާ އަދި ހިއްކަމުންދާ ބިންތަކަކީ ރައްޔިތުންނަށް ގޯތި ދީފައިވާ ބިންތައް ކަމަށްވުމާއެކު ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަމުގައި އުޅެމުންދާ އާއިލާތަކަށް ބޭނުންވާ ފުލެޓު އިމާރާތްކުރުމުގައި ލިބެން ހުރި ބިންތައް މަދުވުމަކީ މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

އެގޮތުން ވިލިމާލޭގައި އިމާރާތްކުރާ 300 ފުލެޓު މަޝްރޫއު ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް ބަލާފައިވާނީ ބޮޑެތި ފުނަގަސް ނުކަނޑައި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކަން ފާހަގަކުރައްވާ މުއްތަލިބް ވިދާޅުވީ ކަން އެހެން އޮތް ނަމަވެސް ނަމަވެސް 3 ޓަވަރުގެ ތެރެއިން 1 ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަންޖެހޭތީއާއި، ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ އެޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ސްކީމްގެ ދަށުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި 3،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓު އަޅަން ވަނީ ނިންމައިފަ އެވެ. އަދި އޭގެ ތެރެއިން ވިލިމާލޭގައި އަޅާ ފްލެޓްތައް އެޅުމަށްޓަކައި މުހިއްޔުއްދީން ސްކޫލް ކުރިމައްޗަށް އޮންނަ ބިމުގައި ބިޔަކޮށް ހެދިފައި ހުރި ފުނަގަސްތައް ކެނޑުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ މަޝްރޫއު ހުއްޓުވައިދޭން އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް އޮތީ ހުށަހަޅައިފަ އެވެ.