ކާރިސީ ހާލަތްތަކުގައި ބޭނުންކުރާ ސާމާނުތަކެއް ޖަޕާނު ސަރުކާރުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ހަދިޔާކޮށްފިއެވެ.

މި ތަކެތި ހަދިޔާކޮށްފައި ވަނީ ޖަޕާނުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުންކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ.

އެންޑީއެމްއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ތަކެތި ޖަޕާނު ސަރުކާރުގެ ފަރާތުން އެ އޮތޯރިޓީއާ ޙަވާލުކޮށްދެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

އެންޑީއެމްއޭގެ ފަރާތުން އެތަކެއްޗާ ޙަވާލުވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަންއެވެ.

ޖަޕާނުން އެ އޮތޯރިޓީއަށް ހަދިޔާކުރި ތަކެތީގެ އަގު 4.3 މިލިޔަން އެމެރިކާ ޑޮލަރު (66.3 މިލިޔަން ދިވެހި ރުފިޔާ)އަށް އަރައެވެ.

އެންޑީއެމްއޭ އިން ބުނީ ޖަޕާނުން އެ އޮތޯރިޓީއަށް ހަދިޔާކުރި ސާމާނާއެކު ފެންބޮޑުވާ ހާލަތްތަކާއި އަލިފާނުގެ ކާރިސާތަކުގައި އަތޮޅުތެރޭގެ ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު އެހީއަކަށް ވެގެންދާނެ ކަމަށެވެ.