ކަރަންޓް ޓެރިފް ރޭޓަށް މިވަގުތު އެއްވެސް ބަދަލެއް ގެނައުމުގެ ސިޔާސަތެއް ނެތް ކަމަށް މާލީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މާލީ ނިޒާމު ހިންގުމުގެ ސިޔާސަތުތައް ހާއްސަކޮށް ހަކަތައިގެ ދައިރާގެ ސިޔާސަތުތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ސާއިދު ވަނީ ކަރަންޓު ޓެރިފްގެ ކަންކަމުގައި ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާފައެވެ.
ސާއިދު ވިދާޅުވީ ޓެރިފް ރޭޓަށް ގެންނަ ބަދަލެއްގެ ސަބަބުން ދައުލަތުން އެކަމުގެ ބުރަ އުފުލަން ޖެހިދާނެ ކަމަށާ، ހަކަތައަށް ސަރުކާރުން ކުރަންޖެހޭ ހަރަދުތައް ކަނޑައެޅުމުގެ ތެރޭގައި ޓެރިފް ރޭޓަށް އިތުރު ބަދަލެއް ގެނައުމުގެ ސިޔާސަތެއް ނެތްކަމަށެވެ.
ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ޓެރިފްތަކަކީ ބައިނައަލްއަގްވާމީ މިންގަނޑުތަކުން ބަލާއިރުވެސް، ވަރަށް ކުޑަ މިންވަރެއްކަން މާލީ ވުޒާރައިން ފާހަގަކޮށްފައިވެއެވެ. އަދި އަދުގެ ސަރުކާރު ހަވާލުވުމަށް މީގެ އަހަރެއްހާ ދުވަސްކުރިން މޭ މަހުގެ ފަހުކޮޅު ކަރަންޓު ޓެރިފް ރޭޓަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވާ ސާއިދު ވިދާޅުވީ އެ ބަދަލުގެ ދަށުން ގޭބީސީތަކުގައި ބޭނުންކުރާ ކަރަންޓު ޓެރިފް ރޭޓުތައް ކުޑަކޮށްފައިވާކަމަށެވެ.
ސާއިދު އިތުރަށް ވިދާޅުވީ، ޓެރިފް ރޭޓަށް ބަދަލު ގެންނައިރު ބަލަން ޖެހޭ ގިނަ ކަންކަން ހުންނަ ކަމަށެވެ. އެގޮތުން މިހާތަނާށް ސިޔާސަތު ކަނޑައެޅުމުގައި ބެލެވިފައި އޮތީ، ގޭބީސީތަކުގެ އާމްދަނީގެ ނިސްބަތުން ކަރަންޓު ބިލު ކުޑަވެ ނުވަތަ ބޮޑުވާކަމަށްކަމަށް ސާއިދު ވިދާޅުވިއެވެ. ނަމަވެސް މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެންނަ ހަގަގީތެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ކަރަންޓު އުފައްދަނީ ގެއްލުމުގައި ކަމުން މި ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ސަރުކާރުން ބޮޑު ސަބްސިޑީއެއް ދައްކައެވެ. މިއީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއިން ދައްކާ ސަބްސިޑީއެއް ކަމުން، މިފަދަ ބުރައެއް އުފުލުމުގެ ކުރިން އެހެން ގޮތްތަކެއް ހޯދުމުގެ މުހިންމުކަން މާލީ ވުޒާރާއިން ފާހަގަކުރެއެވެ.
ސަރުކާރުގެ މިހާރު ސިޔާސަތަކީ، ކަރަންޓު ޔުނިޓެއް އުފެއްދުމަށް ކުރަންޖެހޭ ހަރަދު ކުޑަކުރުން ކަމުގައި ސާއިދު ވިދާޅުވިއެވެ.
ސަރުކާރުން މިކަން ކުރާނީ އިޔާދަ ކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމާއެކު ރަށްރަށުގެ އިންޖީނުގެތަކުގައި ހުރި އިންޖީނުތައް މިހާރަށްވުރެ ހަރަދު ކުޑަ އިންޖީނުތަކަށް ބަދަލުކޮށްގެން ކަމަށް ސާއިދު ވިދާޅުވިއެވެ.
ކަރަންޓު ޓެރިފް ރޭޓުތަކަށް އިތުރު ބަދަލު ގެނައުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަން ސާއިދު ހާމަކުރައްވާފައިވާއިރު، ސަރުކާރުން ދަނީ ކަރަންޓު ހިދުމަތް ފޯރުކޮށްދޭ ފެނަކަ އަދި ސްޓެލްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ބައެއް ބަދަލުތައް ގެންނަމުންނެވެ.
އެގޮތުން ފެނަކަ ކުންފުނިން ބަލަހައްޓަންޖެހޭ ރަށްތައް މަދުކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ އަސާސީ ހިދުމަތްތައް ދިނުމަށް ސްޓެލްކޯއާއި ހަވާލުކުރަން ވަނީ ނިންމާފައެވެ. މީގެ ސަބަބުން ފެނަކައަށް އޮތް ބުރަ ކުޑަވެ އުތުރާއި ދެކުނުގައި ހިދުމަތް ދިނުމަށް އިސްކަން ދެވޭނެ ކަމަށް ސާއިދު ވިދާޅުވިއެވެ.