މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދޭން އުޅުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ، މި މަހުގެ 24 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން، މާލެ ސިޓީ މޭޔަރަށް މީހަކު ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ގަލޮޅު ސަހަރާ ކައިރިން އެއްވުން ކުރިއަށް ދިޔައިރު، އެއްވުން ލީޑް ކުރައްވަމުން ގެންދެވީ އާޒިމެވެ. ބައެއް ޓީވީތަކުން ލައިވްކުރި މުޒާހަރާގައި އާޒިމަށް ހަމަލާ ދިން މީހާ ވަނީ ކެލަމް ފިހާރަ ކައިރިން އާޒިމް ކުރިމައްޗަށް އަރައި، މޭގައި ޖަހައި ކޮއްޕާލައިފައެވެ.
މިއާއިއެކު މުޒާހަރާގެ ބައިވެރިންތަކެއް ވަނީ އެ ޒުވާނާއަށް ހަމަލާ ދީފަ އެވެ. އެ ހަމަނުޖެހުން ހުއްޓުވާފައި ވަނީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންނެވެ.
މީގެ އިތުރުން، މޭޔަރު އާދަމް އާޒިމަށް ހަމަލާދިނުން ރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ކުށްވެރިކުރައްވާފައެވެ.
ރައީސް ސޯލިހް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީއިން ބޭއްވި ސުލްހަވެރި ހިނގާލުމުގެ ތެރެއިން މާލޭގެ މޭޔަރު އާޒިމަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި މި ހަމަލާ އަވަސް ގޮތެއްގައި ތަޙުޤީޤު ކުރުމަށާއި، މާލޭގެ މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް ރައީސް ސޯލިހް ވަނީ ގޮވާލަމެވެ.
އެއްވެ އުޅުމާއި، ޚިޔާލުފާޅުކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ގާނޫނުސާސީން އެންމެނަށް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަކީ ކަމާބެހޭ އިދާރާ ތަކުގެ މަސްއޫލިޔަތެކެއް ކަން ފާހަގަކުރައްވާފައެވެ.