ގައުމީ މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ގިނަ އަދަދެއްގެ އިޖުތިމާއީ ޚިދުމަތްތެރިން ހޯދުމަށް އިއުލާނުކޮށްފިއެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ވަނީ އިޖުތިމާއީ އިސް ނުވަ ޚިދުމަތްތެރިއަކު ހޯދުމަށް ފުރުސަތު ހުޅުވާލާފައެވެ.
އެ އިޢުލާނުގައި ބުނެފައިވަނީ، އެ މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި 12,261 ރުފިޔާ ދޭއިރު، އިނާޔަތުގެ ގޮތުގައި 5,721 ރުފިޔާ ލިބޭނެ ކަމަށެވެ.
އަދި މިއީ ޑިއުޓީ އުސޫލުން މަސައްކަތް ކުރަންޖެހޭ މަގާމުތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.
މި މަގާމަށް އައްޔަންކުރެވޭ ފަރާތްތަކުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ހެލްޕްލައިން މެދުވެރިކޮށް ހުށަހެޅޭ ނަފުސާނީ މައްސަލަތަކަށް އިޖާބަދިނުމާއި ނަފުސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ އެސެސްމަންޓު ހަދައި އެކްޝަން ޕްލޭން ތައްޔާރުކުރުމާއި، ބަލިމީހުންނަށް ދިމާވާ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
އަދި ނަފުސާނީ ބަލި ހުންނަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެފަދަ ފަރާތްތައް ދިރިއުޅޭ ހާލަތު ވަޒަންކުރުމަށް ގޭގެއަށް ޒިޔާރަތްކުރުންޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
ހަމައެހެންމެ ނަފްސާނީ އެހީގެ ހެލްޕްލައިނަށް އަންނަ ކޯލުތަކަށް ޖަވާބުދީ، މަޢުލޫމާތު ރައްކާކުރުމަކީ ވެސް އެ މަގާމުގެ ޒިންމާއެކެވެ.
މީގެ އިތުރުން ނަފުސާނީ ދުޅަހެޔޮކަމަށް ވަކާލާތުކޮށް، އާންމުން ހޭލުންތެރިކުރުވުމުގެ އިތުރުން ސިއްހީ އެމަޖެންސީތަކާއި ކާރިސާތަކުގައި އަމަލީގޮތުން ބައިވެރިވާން ޖެހޭނެކަމަށްވެސް އެ ވުޒާރާގެ އިއުލާނުގައި ބުނެފައި ވެއެވެ.