ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު ސިޔާސަތަކީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ކަމަށް ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއެއްގައި ވާހަކަދައްކަވަމުން ސާއިދު ވިދާޅުވީ، ރައްޔިތުން އަބަދުވެސް އެދެނީ ސަރުކާރު ބުރަބޮޑުނުވެ ހަރުދަނާ ގޮތެއްގައި ދައުލަތުގެ ކަންކަން ހިންގުން ކަމަށެވެ. އެގޮތުން ސައީދު ވިދާޅުވީ، ދައުލަތުގެ އެންމެ ބޮޑު ހޭދައެއް ހިނގަނީ ކަރަންޓު އުފެއްދުމުގެ ދާއިރާއަށް ކަމަށެވެ.

ސާއިދު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ޓެރިފް ރޭޓުތަކަށް ބަދަލު ނުގެނެސް، އެ ބުރަ ސަބްސިޑީގެ ގޮތުގައި އުފުލުމަށް ނިންމާފައި ވާ ކަމަށެވެ.

ސާއިދު ވިދާޅުވީ، މިއަހަރުގެ ބަޖެޓު ތައްޔާރުކުރިއިރު ސަބްސިޑީއަށް ހޭދަވާނެ ކަމަށް ލަފާކުރީ 1 ބިލިޔަން ރުފިޔާ ނަމަވެސް، މެދުއިރުމަތީގެ މިހާރުގެ މަސްރަހަށް ރިއާޔަތްކުރާއިރު އެ އަދަދު އިތުރުވުމުގެ ފުރުސަތު އޮތުމުން، ކުންފުނިތައް ރިފޯމްކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން ސައިސް ވިދާޅުވީ، ހަކަތައަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ސަރުކާރުން ގެންގުޅުއްވާ އެންމެ މުހިންމު ސިޔާސަތަކީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ކަމަށެވެ. އަދި އެގޮތުން، އިންޖީނުގެތަކުގެ ހިންގުމަށް ބަދަލުތަކެއް ގެނައުމަށް ރޭވިފައި ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ރަށްރަށުގައި މިހާރު ހުރީ ހައިސްޕީޑް ޑީސެލް އިންޖީނުތަކެއް ނަމަވެސް އާބާދީ ބޮޑު ރަށްރަށުގައި މީޑިއަމް ސްޕީޑް އިންޖީނު ބަހައްޓައިގެން ހަރަދުތައް ކުޑަކުރެވޭނެ ކަމަށް ދިރާސާތަކުން ދައްކާކަމަށް ވެސް ސާއިދު ވިދާޅުވި އެވެ.