ހުޅުމާލެ ފޭސް 2ގެ މަގު ކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން ކޭބަލް ނެޓްވޯކަށް ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯއިން މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ކޭބަލްތަކަށް ގެއްލުންވެ ޚިދުމަތަށް ބުރޫއަރުމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
ސްޓެލްކޯ އިން ނެރުނު ނޫސްބަޔާނުގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން އިއްޔެ ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، ކަރަންޓު ކޭބަލަށް ގެއްލުންވުމާ ގުޅިގެން ކަމަށެވެ.
އެގޮތުން މި މައްސަލަ ވީހާވެސް އަވަހަށް ޙައްލުކޮށް، ޚިދުމަތް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނީގެ ޓެކްނިކަލް ޓީމުން ކުރަމުންގެންދިޔަ މަސައްކަތުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓުގެ ޚިދުމަތް ދީފައި ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ. އަދި މި ކޭބަލަށް ގެއްލުން ލިބިފައިވަނީ ދެވަނަ ފިޔަވަހީގައި މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ ބައެއްގެ އިހުމާލުން ކަަމަށް އެކުންފުނިން ބުނެފައި ވެއެވެ.
ސްޓެލްކޯ އިން ބުނީ މި މަހުގެ 12 ވަނަ ދުވަހު ވެސް މަގު ކޮނުމުގެ މަސައްކަތް ކުރި ބައެއްގެ އިހުމާލުން މައި ކޭބަލަކަށް ގެއްލުންވެ ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑެން މެދުވެރިވި ކަމަށެވެ. އަދި އެ ފަހަރު ކޭބަލަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް "ފޯލްޓް ޑިޓެކްޓަރ" ބޭނުންކޮށްގެން ކުރި މަސައްކަތުގެ ތެރެއިން، އެ ކޭބަލްގެ އެހެން ދިމާއަކަށް ވެސް މީގެ ކުރިން ގެއްލުން ލިބިފައިވާކަން ފާހަގަކުރެވިފައިވާކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.
އެ ގެއްލުން އެ ކުންފުންޏަށް ރިޕޯޓްކުރުމުގެ ބަދަލުގައި، ކޭބަލްގައި ޓޭޕް އޮޅައި އެކަން ސިއްރުކޮށްފައިވާކަން ހާމަވެފައިވާކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ. އެގޮތުން މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކާއި އިހުމާލުތަކުގެ ސަބަބުން، ގިނަ އަދަދެއްގެ ރައްޔިތުންނަށް ނުހަނު ބޮޑެތި ތަކުލީފުތަކާ ދަތިތަކެއް ކުރިމަތިވެ، އަސާސީ ޚިދުމަތްތަކަށް ބުރޫއަރާ، އާންމު ދިރިއުޅުމަށް އެކަމުގެ އަސަރު ފޯރަމުންދާތީ އެކުންފުނިން ވަނީ އެކަމާ ހިތާމަކުރާކަން ހާމަކޮށްފައެވެ.
ހަމައެހެންމެ މައި ކޭބަލަށް ގެއްލުން ލިބުމާއި ގުޅިގެން އެ ކުންފުނިން ވާނީ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބަލަހައްޓަމުން ގެންދާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު ބައްދަލުވުމެއް ބާއްވައި، ރައްޔިތުންނަށް ދިމާވާ އެފަދަ ދަތި އުނދަގޫތަކުން ސަލާމަށް ކުރުމަށް ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި ކަމަށްވެސް ސްޓެލްކޯ އިން ބުނެފައި ވެއެވެ.
ކަރަންޓު ކޭބަލްތައް ވަޅުލާފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް، ކޭބަލް އޮތް ސަރަހައްދު އަންގައިދޭ ޓޭޕާއި ރައްކާތެރިކަމުގެ ޝީޓްތަކާއެކުގައި ކަމަށާއި އެހެންކަމުން، ބިންކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަށްވުރެ ބޮޑަށް ސަމާލުކަންދީފިނަމަ، މިފަދަ ހާދިސާތައް ހިނގުން ހުއްޓުވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ. އަދި ކޮނުމުގެ ތެރޭގައި ވިޔަސް އަދި އެނޫންގޮތަކަށް ވިޔަސް ކަރަންޓު ކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް އެކަން އެ ކުންފުންޏަށް އެންގުމަކީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.
ސްޓެލްކޯ އިން ބުނީ ކޮނުމުގެ މަސައްކަތްތައް ކުރާއިރު، ބިމުގެ އަޑީގައިވާ މުހިންމު ވިއުގަތަކަށް ގެއްލުން ނުވާނޭހެން، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތް ކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
އެހެންކަމުން، އެފަދަ ކަންކަމުގައި، މަގު ކޮންނަ އާންމު ފަރުދުންނާއި، ކުންފުނިތަކާއި، މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.