ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރުތައް ބަހަން ފަށައިފިއެވެ.
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން މިއަދު ބުނީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފި ކަމަށެވެ. އެގޮތުން މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ އެ ވުޒާރާގެ ބެލުމުގެ ދަށުން، އިސްލާމީ މަރުކަޒުގެ ހޯލުގައެވެ.
އެ ވުޒާރާއިން ބުނީ މާލެ ސަރަޙައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މެއި 14 އާއިހަމައަށް ހެނދުނު 9:30 އިން 13:00 އަށް ކަމަށެވެ.
މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ގޭބިސީތަކަށް ކަދުރު ބަހާނީ، އެ ގޭބިސީއެއްގެ އެޑްރެސް، ކަރަންޓު މީޓަރުގެ ނަންބަރު އަދި ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުއެވެ.
ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ، އެ ސިޓީއަކަށް ނުވަތަ އެ ރަށަކަށް ކަނޑައަޅާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރެވެ.
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ބުނީ ސިޓީތަކާއި ރަށްރަށަކަށް ޢަދަދު ކަނޑައެޅޭނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓުގެ ރޭޓުން ކަމަށެވެ.
އަދި ރަށްރަށާއި ސިޓީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައި ވަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށް ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.