އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި "ވައިޓް ހައުސް ކަރަސްޕޮންޑެންޓްސް ޑިނާ" ވޮޝިންގްޓަންގެ ހޮޓަލެއްގައި ކުރިއަށްދަނިކޮށް ބަޑީގެ ހަމަލާއެއް ދީފިއެވެ.
ވައިޓް ހައުސް ކޮރެސްޕޮންޑެންޓުންގެ ޖަމުޢިއްޔާގެ އަހަރީ ފަރީއްކޮޅުގައި 2,600 އެއްހާ މީހުން ބައިވެރިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބަޑީގެ އަޑު އިވެން ފެށީ ކެއުން ކުރިއަށް ދަނިކޮށް، ޓްރަމްޕް ވާހަކަފުޅު ދައްކަވަން ތައްޔާރުވަމުން ދަނިކޮށެވެ. އެއާއެކު އެ ހަފްލާގައި ތިބި މީހުންގެ މެދުގައި ހާސްކަމެއް އުފެދި، މީހުންތައް ވަނީ މޭޒުތަކުގެ ދަށަށް ވަދެ ފިލަން މަސައްކަތްކޮށްފައެވެ. ބަޑީގެ އަޑުފަށްގަނޑު އިވެން ފެށުމުން ސީކްރެޓް ސަރވިސްގެ އޭޖެންޓުން ވަނީ ވަގުތުން ރައީސް ޓްރަމްޕާއި ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް އެ ހަފްލާގެތެރެއިން ނެރެފައެވެ.
ޓްރަމްޕްއާއި ފަސްޓްލޭޑީގެ އިތުރުން، ސަރުކާރުގެ އިސް ވަޒީރުން ވެސް ވަނީ ރައްކާތެރިކަމާ އެކު އެ ހަފްލާއިން ބޭރަށް ގެންގޮސްފައެވެ. ޝޮޓްގަންއަކާއި އިތުރު ހަތިޔާރުތަކެއް އަޅައިގެން ހުރި މީހާ ޙަމަލާދީފައި ވަނީ، ސީކްރެޓް ސަރވިސްގެ އޮފިސަރަކަށެވެ. އޭނާގެ ޙާލު ރަނގަޅުކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ.
އެ ހަފްލާގައި ބަޑީގެ ޙަމަލާތައްދިން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކެލިފޯނިޔާގައި އެ މީހާ ދިރިއުޅޭ ގެ ބަލައިފާސްކުރަމުންނެވެ.
މިއީ ޓްރަމްޕް އަމާޒުކޮށް ހަމަލާދޭން މަސައްކަތްކުރި 3 ވަނަ ފަހަރެވެ. ޓްރަމްޕް އަވަހާރަކޮށްލުމަށް 2024 ވަނަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން މި ފަދަ ހަމަލާތައް ވަނީ ދީފައެވެ.