ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެޗްޑީސީ ބުނީ، މި ޕްރޮގްރާމްގެ މައިގަނދު މަގުސަދަކީ ދިމާވާ ކުދިކުދި ކަރަންޓު މައްސަލަތައް ހައްލުކުރުމުގެ ހުނަރު އަންހެނުންނަށް އުގަންނައިދިނުމާއި އެފަދަ ހާލަތްތަކުގައި ކުރެވިދާނެ ކަންކަމަށް އަމިއްލަ ނަފްސު ތައްޔާރު ކުރުންކަމަށެވެ.
މީގެކުރިން 2023 ވަނަ އަހަރު ބޭއްވުނު މި ޕްރޮގްރާމްގައި ޖުމްލަ 323 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އެޗްޑީސީ އިން ބުނެއެވެ. އެގޮތުން މި ޕްރޮގްރާމަށް ލިބުނު ތަރުހީބު ބޮޑުވުމާއެކު، މި އަހަރު ތެރޭގައި މި ސިލްސިލާގެ އިތުރު ޓްރެއިންނިން ތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީއިން ބުނެފައިވެއެވެ.
މިއަހަރުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އަންނަ މެއި މަހުގެ 7 ވަނަ ދުވަހު ފެށުމަށް ހަމަ ޖެހިފައިވާއިރު، ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ސުންގަޑިއަކީ މެއި މަހުގެ 3 ވަނަ ދުވަހެވެ. މި ކްލާސްތަކުގައި އެޗްޑީސީގެ ސޯޝަލް މީޑިއާގެ ޒަރީއާއިން ވެސް ބައިވެރިވެވޭނެއެވެ.
ވިލުންވެރި ކަނބަލުން ޕްރޮގްރާމަކީ މުޖުތަމައުގައި އަންހެނުން ބާރުވެރި ކުރުވާ އަންހެނުންނަށް ތަމްރީނީ ފުރުސަތުތައް ފަހިކޮށްދިނުމަށް އެޗްޑީސީން އެމް.އައި.ޓީއާ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ.