އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ޕީއެންސީގެ ޓިކެޓް އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ކަށަވަރު ކުރައްވައިފި އެވެ.
ޕީއެންސީއިން މިއަދު ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ވާދަކޮށްފައިވަނީ ސިނާނުގެ އިތުރުން، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަޙްމަދު ސަޢީދެވެ.
ސިނާން ޕްރައިމަރީ ކާމިޔާބު ކުރީ، 39 ވޯޓުގެ ތަފާތުންނެވެ. ސިނާންއަށް ޖުމުލަ 226 ވޯޓު ލިބިވަޑައިގެންނެވިއިރު، ސަޢީދުއަށް ލިބިވަޑައިގަތީ 187 ވޯޓެވެ.
މާލޭގެ ފޮއްޓަށް 103 މީހުން އަދި އައްޑޫ ސިޓީގައި ބެހެއްޓި ފޮއްޓަށް 319 މީހުން ވޯޓުލާފައިވެއެވެ.
ޖުމުލަ 422 މީހުން ވޯޓުލިއިރު އެއީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބުނު މީހުންގެ %58 މީހުންނެވެ. ވޯޓުލުން ކުރިއަށް ގެންދިޔައީ، މިއަދު ހެނދުނު 09:00އިން ހަވީރު 04:00އާއި ހަމައަށެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އެ ޕާޓީގެ ޓިކެޓު ހޯދަން އިތުރު މީހަކު ހުށަނާޅާތީ ސޯބެ އަށް ވަނީ އެމްޑީޕީގެ ޓިކެޓު ދީފަ އެވެ.