ށ.މިލަންދޫ އެއާޕޯޓާއި ބަނދަރު ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މިހާތަނަށް 11 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން އެމްއޭސީއެލްއިން ބުނީ، މިހާތަނަށް 11 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. މިއާއެކު ބިން ހިއްކުމުގެ މަޝްރޫއުގެ ގާތްގަނޑަކަށް 42 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މިލަންދޫ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ، އެއްފަހަރާ 35000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ހުރި ކުއީން އޮފް ދަ ނެދަލެންޑްސް ޑްރެޖަރު ބޭނުން ކޮށްގެންނެވެ.

މިލަންދޫ އެއާޕޯޓު އަދި ބަނދަރު ތަރައްގީ ކުރުމަށާއި ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އެމްއޭސީއެލްއާއި ހަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އަދި އަމަލީ މަސައްކަތް ފަށައި ދުވަހުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

މިލަންދޫގެ ތަރައްގީގެ މި މަޝްރޫއުތައް ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

އާބާދީގައި 2700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ށ.މިލަންދޫގައި އެއާޕޯޓެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ ވައުދުވެ ވަޑައިގެންފައެވެ. އަދި މިމަސައްކަތް މިދައުރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިމަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި، އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، އެމްއޭސީއެލްއާއެވެ.