ހދ. ކުޅުދުއްފުށި ސިޓީގެ ފޭސް 3 ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރަންޖެހޭ ސާވޭގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އާރްޑީސީ އިން ބުނެފިއެވެ.

އާރްޑީސީ އިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ ހދ. ކުޅުދުއްފުށި ސިޓީގެ ފޭސް 3 ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ސާވޭގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހަތަރު ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމާއި ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމް ގާއިމުކުރާނެއެވެ. އަދި ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުމުގެ އިތުރަށް ކުޅުދުއްފުށި ސިޓީގެ ނުހަދާހުރި ހުރިހާ މަގެއް ޑިޒައިން ކުރާނެއެވެ.

މި މަސައްކަތް 730 ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާއިރު މި މަޝްރޫއުގެ އަގަކީ 100,465,864.92 ރުފިޔާއެވެ.

ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އެރަށު ބަންޑާރަ މަގުގައި ތާރު އަޅާފައި ވަނީ 2018 ވަނަ އަހަރުއެވެ.

މީގެ ކުރިން ކުޅުދުއްފުއްޓަކީ، ވިއްސާރަ ވެހިއްޖެނަމަ މަގުތަކުގައި ފެން ހެދުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވާ ސިޓީއެކެވެ.