މާލޭގައި 500 ސޯޝަލް ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ޗައިނާއާއެކު އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.
ބެއިޖިންގައި ކުރިއަށްގެންދިޔަ "ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް"ގެ ހަވާސާގައި ކުރިއަށްދިޔަ މަޝްވަރާތަކުގެ "މިނިޓްސް އޮފް ދަ މީޓިންގ"ގައި މިހާރު ވަނީ ދެގައުމުން ސޮއިކޮށްފައެވެ.
އެ ކަރުދާހުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޯއާމް މުހައްމަދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ)ގެ ވައިސް ޗެއާމަން ލިއު ޖުންފެންގް އެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގގައި މިމަހުގެ 21 އިން 22 އަށް ކުރިއަށްގެންދިޔަ "ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް"ގެ ހަވާސާގެ ތެރެއިން ވަނީ މާލެ ސިޓީގައި ޗައިނާގެ އެހީތެރިކަމާއެކު 500 ސޯޝަލް ހައުސިންގ ޔުނިޓު ޤާއިމުކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
ހައުސިން މިނިސްޓްރީން ބުނީ، އެއީ ޗައިނާ ސަރުކާރުން ދޭ އިންޓަރެސްޓް-ފްރީ ނުވަތަ އިންޓަރެސްޓް ނުނަގާ ގޮތަށް ހަމަޖައްސާ ފެސިލިޓީއެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގެ ތެރެއިން ސީއައިޑީސީއޭއާ އެކު ބޭއްވި ބައިލެޓްރަލް ބައްދަލުވުމުގައި، ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ދެމެދުގައި އޮތް ތަރައްގީގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަޝްވަރާކޮށްފައިވާ ކަމަށެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހައުސިން އާއި އުމްރާނީ ތަރައްގީގެ އެކި މަޝްރޫއުތައް ހިންގާފައިވާއިރު، މިހާރު ވެސް އެހެން ބައެއް މަޝްރޫއުތައް އެކި މަރުހަލާތަކުގައި އަންނަނީ ހިންގަމުންނެވެ.