މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ،، މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން އިއްޔެ މެންދުރު އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، މަރުވެފައިވަނީ، ކޯޓަށް ހާޒިރު ކުރުމަށްޓަކައި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ބަންދުގައި ހުރި 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.