ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

މި ޕްރައިމަރީގައި ވާދަކުރައްވަނީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނާއި، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ.

މާލެ އާއި އައްޑޫ ސިޓީގައި ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ އިރު، ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ މެމްބަރުންނަށް ވޯޓްލެވޭނީ ހިތަދޫގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. ހިތަދޫ ވޯޓު ފޮށި ބަހައްޓާފައިވަނީ ހިތަދޫ ސުކޫލުގައެވެ.

މާލެ އާއި އެހެނިހެން ރަށްރަށުގައި ވޯޓްލުމަށް ރަޖިސްޓްރީ ވެފައިވާ އެ ދާއިރާގެ މެންބަރުން ވޯޓްލުމަށް ހަމަޖެހިފައިވަނީ މާލޭގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ. މި ފޮށި ބަހައްޓާފައިވަނީ ކަލާފާނު ސުކޫލުގައެވެ.

މި ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 09:00 ޖެހިއިރު އަދި މި ވޯޓުލުން މިއަދު ހަވީރު 04:00 އާ ހަމައަށް ކުރިއަަށްދާނެ އެވެ.

މި ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު 727 މީހަކަށް ލިބިފައިވެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ކުރިން އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާން، އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ ނުދެއްކުމުގެ ސަބަބުން ސިނާންގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ގައި ހުކުމް ކުރުމުންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށެވެ.