މާރިޗު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު 35 އިންސައްތަ އިތުރުވެއްޖެއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއިން ވަނީ 69 މިލިޔަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފައެވެ. އަދި މިއަހަރުގެ ފެބުރުވަރީމަހު ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ 51 މިލިޔަން ރުފިޔާގެ މަސް ކަމަށް ވީއިރު، މިއީ މަހުން މަހަށް ބަލާއިރު މަސް އެކްސްޕޯޓުކުރި މިންވަރަށް 35 އިންސައްތައިގެ އިތުރުވުމެކެވެ.
މާރިޗު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކަށް ބަލާލާއިރު، 51 މިލިޔަން ރުފިޔާގެ ދަޅު މަސް، 8 މިލިޔަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަ މަސް، އަދި 6 މިލިޔަން ރުފިޔާގެ ތާޒާ ކަންނެލި މަސް ހިމެނެއެވެ.
ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓުކުރަނީ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެއްޔެވެ. އެގޮތުން ކަޅުބިލަމަސް ގަނޑުކޮށްގެން، ތާޒާކޮށް، އަދި ދަޅުގައި ބަންދުކޮށްގެން ރާއްޖެއިން އެކްސްޕޯޓުކުރެއެވެ.
ކަސްޓަމްސްއިން ތަފާސްހިސާބުތައް ދައްކާގޮތުން މާރިޗުމަހު ރާއްޖެއިން ދަޅުގައި ބަންދުކޮށްގެން ކަޅުބިލަމަސް އެކްސްޕޯޓުކުރި މިންވަރު ވަނީ 75 އިންސައްތަ އިތުރުވެފައެވެ. އެގޮތުން ފެބުރުވަރީމަހު މި އަދަދު 29 މިލިޔަން ރުފިޔާގައި ހުރި އިރު މިއަދަދު މާރިޗު މަހު ވަނީ 51 މިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.
ރާއްޖެއިން ބޭރު ކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ. ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާއަތުން އިގްތިސާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ 3 އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރު ކުރުން ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މިކަން ކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.