މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެއީ ވަރަށް ދަށުދަރަޖައިގެ ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން މީޑިއާއަކަށް ސަރުކާރުގެ ތަރުޖަމާނު މުންދު ދިން އިންޓަވިއުގައި ވިދާޅުވީ، މޭޔަރު އާޒިމް އެ ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ. ސިޔާސީ ހަރަކާތެއްގެ ތެރެއިން އެއްވެސް ފަރާތަކަށް، ވަކިން ހާއްސަކޮށް މޭޔަރު އާޒިމް ފަދަ ރައްޔިތުން ހޮވާފައި ހުންނެވި ބޭފުޅަކަށް އެފަދަ ހަމަލާއެއް ދިނުން ކުށްވެރިކުރައްވާ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

މުޒާހަރާ ނިންމާލުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަރވިއުއެއްގައި މޭޔަރު އާޒިމް ވިދާޅުވީ، މާލޭ ސިޓީގައި ކޮންމެ ރެއަކު މުޒާހަރާ ކުރަނީ ސަރުކާރުން ކުރާ ކަންކަން ގޯސްވީމާ އެ ކަންކަން އިސްލާހުކުރުމަށް ކަމަށެވެ. އަދި އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް ތުހުމަތު ކުރެއްވިއެވެ.

ރޭ މާލޭގައި އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގެ ބައިވެރިންނާއެކު މޭޔަރު އާޒިމް ހުންނަވަނިކޮށް، މީހަކު އައިސް އޭނާގެ މޭމަތީގައި އަތްއަޅައި ކޮށްޕާލި މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ. އެ ވަގުތު އާޒިމްގެ ކައިރީގައި ތިބި މީހުން ވަނީ އޭނާގެ ހިމާޔަތުގައި އެ މީހާއަށް ބަދަލުގައި ހަމަލާދީފައެވެ.