ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތްކުރާ އަލިމަސް އިންސްޓިޓިއުޓްގެ ފަރާތުން އުފައްދާފައިވާ "ބަސްކާޑު" ސެޓު، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު މިއަދު ނެރުއްވައިދެއްވައިފިއެވެ.
މި ބަސްކާޑުތައް ނެރުއްވައިދެއްވީ ދިވެހިބަހުގެ އެކަޑަމީން ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދުގައި ބޭއްވި "ދިވެހިބަހުގެ ހަވީރު" ގައެވެ. މި ރަސްމިއްޔާތުގައި ވަޒީރު ހީނާ ވަލީދުގެ އިތުރުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދާއި، އަލިމަސް އިންސްޓިޓިއުޓްގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
އަލިމަސް އިންސްޓިޓިއުޓުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބަސްކާޑުތަކަކީ އިނގިރޭސިބަސް ދަސްކުރުމަށް ބޭނުންކުރާ "ވޯޑް ކާޑް" ތަކުގެ އަސްލަށް ބަލައިގެން، ދިވެހިބަސް ދަސްކޮށްދިނުމަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. މިއީ ދަރިވަރުންގެ މެދުގައި ދިވެހިބަހަށް އޮންނަ ޝައުޤުވެރިކަން އިތުރުކޮށް، މުނިފޫހިފިލުވުމުގެ ތެރެއިން ބަސް އުނގަންނައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ އިންސްޓިޓިއުޓުން ސިފަކުރެއެވެ.
މި ބަސްކާޑުތައް ޚާއްޞަކޮށްފައިވަނީ ތަޢުލީމީ މަންހަޖުގެ ކީސްޓޭޖް 1 އަދި ކީސްޓޭޖް 2 ގެ ދަރިވަރުންނަށެވެ. މީގެ ސަބަބުން ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް ދިވެހިބަހުގެ ލަފުޒުތަކާއި އޭގެ މާނަ ދަސްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.