އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މާލޭގެ މޭޔަރު އާދަމް އާޒިމަށް ދިން ހަމަލާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުށްވެރިކުރައްވައިފިއެވެ.
ރައީސް ސޯލިހް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީއިން ބޭއްވި ސުލްހަވެރި ހިނގާލުމުގެ ތެރެއިން މާލޭގެ މޭޔަރު އާޒިމަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އަދި މި ހަމަލާ އަވަސް ގޮތެއްގައި ތަޙުޤީޤު ކުރުމަށާއި، މާލޭގެ މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް ރައީސް ސޯލިހް ވަނީ ގޮވާލަމެވެ.
އެއްވެ އުޅުމާއި، ޚިޔާލުފާޅުކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ޤާނޫނުަސާސީން އެންމެނަށް ކަށަވަރުކޮށްދީފައިވާ ހައްޤެއް ކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަކީ ކަމާބެހޭ އިދާރާ ތަކުގެ މަސްއޫލިޔަތެކެއް ކަން ފާހަގަކުރައްވާފައެވެ.
ގަލޮޅު ސަހަރާ ކައިރިން އެއްވުން ކުރިއަށް ދިޔައިރު، އެއްވުން ލީޑް ކުރައްވަމުން ގެންދެވީ އާޒިމެވެ. ބައެއް ޓީވީތަކުން ލައިވްކުރި މުޒާހަރާގައި އާޒިމަށް ހަމަލާ ދިން މީހާ ވަނީ ކެލަމް ފިހާރަ ކައިރިން އާޒިމް ކުރިމައްޗަށް އަރައި، މޭގައި ޖަހައި ކޮއްޕާލައިފައެވެ.