ލޭ ރައްކާކުރުމަށް ބޭނުންކުރާ ފްރީޒަރެއްގެ ފިނިހޫނުމިނަށް ދިމާވި މައްސަލައަކާ ގުޅުވައި، ތެލަސީމިއާ ކުދިންނަށް ކުނިވެފައިވާ ލޭ އެޅިކަމަށް ބުނާ ވާހަކަ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ދޮގުކޮށްފިއެވެ.

މިމަހުގެ 19 ވަނަ ދުވަހު ލޭ ރައްކާކުރުމަށް ބޭނުންކުރާ ފްރީޒަރެއްގެ ފިނިހޫނުމިނަށް މައްސަލައެއް ދިމާވި ހާދިސާއަކާ ގުޅުވައި، ތެލަސީމިއާ ކުދިންނަށް ކުނިވެފައިވާ ލޭ އެޅިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރުމާގުޅިގެން މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ މިމަހުގެ 20 ވަނަ ދުވަހު ތެލެސީމިއާ ކުދިންނަށް އަޅާފައިވާ ލެޔަކީ، ކުނިވެފައިވާ ނުވަތަ ތަގައްޔަރުވެފައިހުރި ލޭ ނޫންކަމުގެ ޔަގީންކަން ސިއްހީ ގޮތުން ބަލާއިރު އެނގޭކަމަށެވެ.

މިމަހުގެ 19 ވަނަ ދުވަހު މޯލްޑިވްސް ބްލަޑް ސަރވިސްގެ ހިދުމަތްދީ ނިންމައި މަރުކަޒު ބަންދުކުރިފަހުން ލޭ ރައްކާކުރުމަށް ބަހައްޓާ ފްރީޒަރު ނަންބަރު 2ގައި 6 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށުގެ ފިނިހޫނުމިނުގައި ލޭ އެޅުމަށް ނެގުމަށް ރައްކާކޮށްފައިވަނިކޮށް 2 ނަންބަރު ފްރީޒަރަށް ޓެކްނިކަލް މައްސަލައެއް ދިވާވެފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި މައްސަލައާއި ގުޅިގެން ކަމާގުޅޭ 5 މުވައްޒަފަކަށް އެލާޓް ދިޔުމުން 3 މުވައްޒަފަކު ފްރީޒަރު ހުންނަ ކޮޓަރިއަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ހާޒިރުވެ، ސްޓޭންޑްބައި ފްރީޒަށް 12 ލޭ ޕެކެޓް ބަދަލުކޮށްފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އާންމުގޮތެއްގައި ފްރީޒަރުގެ ފިނިހޫނުމިން ބަހައްޓަންވާނީ 2 އާއި 6 ޑިގްރީއާ ދެމެދުގެ ފިނިހޫނުމިނެއްގައި ކަމުގައިވިޔަސް ފިނިހޫނުމިން 11 ޑިގްރީ އަރާފައިވާކަން ފާހަގަވުމުން އެ މިންވަރުގައި ހުރީ ކިހާ ވަގުތެއް ވަންދެން ކަމެއް ސިސްޓަމުގައި އޮޓޯއިން ލޮގު ކުރެވިފައިހުރި ރެކޯޑުތައް ބަލައި ޗެކްކުރުމުންވެސް ސިސްޓަމުން ސާފުކުރެވިފައި ނުވާކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ ކަން އެހެން އޮތް ނަމަވެސް ފްރީޒަރަށް މައްސަލައެއް ދިމާވާ ހާލަތެއްގައި 10 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިނުވާގޮތަށް 4 ގަޑިއިރު ވަންދެން ރައްކާތެރިކަމާއެކު ފްރީޒަރުގައި ލޭގެ ޕެކެޓްތައް ބެހެއްޓޭނެކަން ސިއްހީ މިންގަނޑަކުން އެނގެން އޮންނަކަމަށެވެ.

އެހެންކަމުން މިމަހުގެ 20ވަނަ ދުވަހު ތެލެސީމިއާ ކުދިންނަށް އަޅާފައިވާ ލެޔަކީ، ކުނިވެފައިވާ ނުވަތަ ތަގައްޔަރުވެފައިހުރި ލޭ ނޫންކަމުގެ ޔަގީންކަންއޮތްކަމަށް ބުނެއެވެ.

ފްރީޒަރަށް މައްސަލަ ދިމާވުމާ ގުޅިގެން އިދާރާއިން ބަލަންޖެހޭ ކަންކަން ބަލައި ދެނެގަތުމުގެ މަސައްކަތް ކުރަމުން ދިޔަ ވަގުތުގެ ތެރޭގައި، މިމަހުގެ 20 ވަނަ ދުވަހު ތެލަސީމިއާ ސެންޓަރުގައި ލޭއެޅުމަށްޓަކައި ތިބި 3 މީހަކަށް، އެމީހުންނަށް ލޭ އެޅުމުގެ ބޭނުމަށް އޭގެ ކުރީ ދުވަހު ކަނޑައަޅައި ފްރީޒަރުގައި ރައްކާކޮށްފައި ހުރި ލޭ ހެނދުނުގެ ވަގުތެއްގައި އަޅާފައިވާކަން ފާހަގަކުރެވިފައިވާކަމަށާއި ލޭ އަޅާފައިވާކަން ފާހަގަވީ އެމީހުންނަށް ލޭ އަޅާ ނިމުނުފަހުން ކަމަށް އެ ބަޔާނުގައި ބުނެއެވެ.

އެ ބަޔާނުގައި ބުނީ ކަންހިނގައިދިޔަ ގޮތަށްބަލައި، ލޭ އެޅުމުގައި ޝާމިލްވާ ހިދުމަތްތެރީން ފާހަގަކޮށް އިހުމާލު ވެފައިވޭތޯ ކަށަވަރުކުރުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ތަހުގީގު ޓީމެއް އެކުލަވާލައި، ތަހުގީގެއް ފަށާފައިވާކަމަށެވެ.

އެގޮތުން ލޭ އެޅުމުގެ ކަންކަމާ ހަވާލުވެހުރި ފަރާތުން، ލޭ އެޅުމުގެ ކުރިން އަންގަންޖެހޭ މައުލޫމާތު އެންގުމުގައި އިހުމާލުވެފައިވާކަމަށް ތުހުމަތުކުރެވި މިމަހުގެ 23 ވަނަ ދުވަހު ތަހުގީގު ބޭނުމަށް އޮފީހަށް ނުކުތުން މަނާކުރެވިފައިވާކަމަށްވެސް ބުނެއެވެ.

މީގެއިތުރުން އެބަޔާނުގައި ބުނީ، މިމަހުގެ 20ވަަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ހިނގި މި ހާދިސާއާ ގުޅިގެން އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަންކަން އިންތިޒާމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ތެލަސީމިއާ ކުދިން ތިބޭ ޓެލެގްރާމް ގްރޫޕްގައި، މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ފަރާތުން އާންމުކުރުމާއެކު މައާފަށްވެސް އެދި މެސެޖެއް ނެރެފައިވާކަމަށެވެ.

އަދި ލޭ އެޅުނު ފަރާތެއްގެ އާއިލާ ހިމެނޭހެން ބައްދަލުވުމެއް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އިންތިޒާމްކުރުމާއެކު އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އެހުމާއެކު އެފަރާތްތަކަށް އެވަގުތާ ހަމައަށް ހާމަކުރެވެންހުރި ސައްހަ އަދި ފުރިހަމަ މައުލޫމާތު ފޮރުވުމެއްނެތި ހިއްސާކޮށްފަވާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނެއެވެ.

އެހެންކަމުން މިމަހުގެ 20ވަނަ ދުވަހާ ހަމައަށް ތެލަސީމިއާ ކުދިންނަށް ހިއްސާކުރި މައުލޫމާތުތަކެއް ހިމަނައިގެން، ކަމުގެ ހަގީގަތް އޮޅުންއަރާގޮތަށް، ތެލަސީމިއާ ބަލި ތަަހައްމަލު ކުރާ ފަރާތްތަކާއި، ލޭ އެޅުންފަދަ މުހިންމު ހިދުމަތްތަކާ ގުޅުވައި އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް މައުލޫމާތާއި ހަބަރު ނުފެތުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވަނީ އިލްތިމާސްކޮށްފައެވެ.