ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިއަހަރުތެރޭ ފުއްޕާމެޔާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ފަރުވާ ފެށިގެންދާނެކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވީ، މިއަހަރު ވެގެންދާނީ ހުވަދުއަތޮޅުގެ ސިއްޙީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ އަހަރަކަށްކަމަށާއި އެގޮތުން މިއަހަރުތެރޭ އެ ހޮސްޕިޓަލުގައި މުޅިން އައު ޚިދުމަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތަކުގެ ފަރުވާއަށް ޑރ.އބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އޮންނަ ޑިމާންޑު އިތުރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާ ވަރަކަން އަޝްރަފް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން އެ ޚިދުމަތައް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ފަރުވާ ހޯދޭނެ ނިޒާމެއް ޤާއިމްކުރުމަށްޓަކައި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކުގެ ފަރުވާގެ ޚިދުމަތް މިއަހަރުތެރޭ ފެށުމަށް މިހާރު ތައްޔާރުވަމުންއަންނަކަމަށް އަޝްރަފް ވިދާޅުވިއެވެ. އަދި އެ ހޮސްޕިޓަލުގައި މި ޚިދުމަތްތައް ޤާއިމްކުރެވުމާއެކު އެއާ އެމްބިއުލާންސްއަށް ކުރާ ހޭދަ ކުޑަކުރެވޭނެކަމަށެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް މިއަހަރުތެރޭ މުޅި އައު ޚިދުމަތްތަކެއް އެ ހޮސްޕިޓަލުގައި ފެށުމަށް ތައްޔާރުވަމުން އަންނައިރު، ޓާޝިއަރީ އިމާރާތުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އަޝްރަފް ވަނީ ފާހަގަކުރައްވާފައެވެ.