އިމިގްރޭޝަނުގެ ޑިޖިޓަލް ޚިދުމަތްތައް ހަރުދަނާކުރުމަށް ފަތުރުވެރިންގެ ވިސާ މުއްދަތު އިތުރުކުރުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިންގެ ވިސާ މުއްދަތު އިތުރުކުރުމުގެ އައު އުސޫލުގެ ދަށުން އިމިގްރޭޝަންގެ ސިސްޓަމްގައި ކުރިން ހިމެނިފައިވާ މައުލޫމާތުތައް ވިސާއަށް އެދޭ އިރު އަލުން ފުރަން ނުޖެހޭނެ ކަމަށެވެ.

އަދި ޕާސްޕޯޓުގެ މައުލޫމާތާއި، ފަތުރުވެރިޔާ ހުންނަ ތަނުގެ ރެކޯޑުތައް ފަދަ މުހިންމު ތަފްސީލުތައް ސިސްޓަމުން އަމިއްލައަށް ފުރާނެކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

ވިސާއަށް އެދުމުގެ މަރުހަލާ މިހާރު ކުރިއަށްވުރެ އަވަސްވެފައި ފަސޭހަވާނެކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

ހަމައެހެންމެ ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަތުރުވެރިންނަށް "އިމުގާ" ޕޯޓަލް މެދުވެރިކޮށް އެ ޚިދުމަތަށް އެދި ހުށަހެޅޭނެ ކަމަށާއި ޕާސްޕޯޓު ނަންބަރު ޖެހުމުން ނުވަތަ ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ އަޕްލޯޑު ކުރުމުން، އެ ފަރާތެއްގެ މައުލޫމާތުތައް ސިސްޓަމުން ހޯދައިދޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

އިމިގްރޭޝަނުން ބުނޫ ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ ހުށަހަޅަން ޖެހޭނީ ޕާސްޕޯޓު އައުކޮށްފައިވާ ނަމަ ނުވަތަ ސިސްޓަމުގައި ހުރި މައުލޫމާތާ މިހާރުގެ މައުލޫމާތު ދިމާނުވާ ހާލަތްތަކުގައި ކަމަށެވެ.

މިގޮތުން ރާއްޖޭގައި ހުންނަ ހޮޓާ ނުވަތަ ގެސްޓްހައުސް ބަދަލުކޮށްފައިވާ ނަމަ، އެ މައުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް އަމިއްލައަށް އަދާހަމަ ކުރެވޭނެކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

އިމިގްރޭޝަނުން ބުނީ ވިސާގެ ކަންކަން ނިންމުމަށް ހޭދަވާ ވަގުތު މިހާރު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށާއި އެ މުއްދަތު އިތުރުކުރުމުގެ ޚިދުމަތް މިހާރު 48 ގަޑިއިރުގެ ތެރޭގައި ލިބިގެންދާނެ ކަމަށެވެ.