ހިތާމަވެރި ހާދިސާތަކުގެ ކަށަވަރުނުވާ މައުލޫމާތު ފެތުރުމުން ދުރުހެލިވާން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި ޙާދިސާތަކާމެދު ނުހަނު ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

އެގޮތުން މި ދަނޑިވަޅުގައި، އެކަކު އަނެކަކަށް ހަމްދަރުދީއާއި، ޒިންމާދާރުކަމާއެކު އޯގާތެރިކަމާއެކު މުޢާމަލާތް ކުރުމަށް ހުރިހާ ފަރާތްތަކަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކޮންމެ އިންސާނެއްގެ ފުރާނައަކީ މަތިވެރި އަގުހުރި އަމާނާތެއް ކަމަށާއި ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށްވެސް އުފަލާއި ހިތާމައިގެ ވަގުތުތަކާ ކުރިމަތިލާންޖެހޭނެ ކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.

އެހެންކަމުން މީސްމީޑިއާގައި އަޅުގަނޑުމެން ފަތުރާ ވާހަކަތަކާއި ހިއްސާކުރާ މަޢުލޫމާތުތަކަކީ، ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ

ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަންކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.

ވީމާ، މިފަދަ ނާޒުކު ވަގުތުތަކުގައި ޙަޤީޤަތާ ޚިލާފު ވާހަކަތަކާއި، ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް

ޢާންމުންނަށާއި މީޑިއާތަކަށް ބާރުއަޅައި އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ވުޒާރާއިން ވަނީ އޭގެ ބަދަލުގައި، އެކަކު އަނެކަކަށް އުއްމީދާއި ހިއްވަރު ދިނުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް އިސްކުރުމަށް އެދިފައެވެ.

ހަމައެހެންމެ ޢާއިލާތަކާއި، ރައްޓެހިން އަދި މުޅި މުޖުތަމަޢު ގުޅިގެން އެކަކު އަނެކެއްގެ ޙާލުބަލައި، އެއްވެސް ތަފާތުކުރުމެއްނެތި އަޅާލުމަށް ބާރުއަޅާ އަނެކާގެ ވާހަކަ ކަނުލާ އަޑުއަހާލުމަކީ ނުވަތަ ދެވޭ ކުޑަ އޯގާތެރިކަމަކީވެސް މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އެ ވުޒާރާއިން ބުނީ ޤައުމެއްގެ ޙައިސިއްޔަތުން، އެކަކު އަނެކެއްގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ އަހަރެމެން އެންމެންގެ ޝާމިލު ޒިންމާއެއް ކަމަށެވެ.

ޙަޤީޤަތެއް ނެތް ވާހަކަތަކުގެ ބަދަލުގައި ހަމްދަރުދީ އިސްކޮށް، ފާޑުކިޔުމުގެ ބަދަލުގައި އޯގާތެރިކަން، އަދި ބިރުވެރިކަމުގެ ބަދަލުގައި އުއްމީދު ކުރިއަށް ނެރުމަށާއި

ނަފްސާނީ ގޮތުން ދަތި އުނދަގޫ ޙާލަތެއް ތަޙައްމަލު ކުރަމުންދާ ފަރާތެއް ނަމަ، ތިޔައީ އެކަނިވެރިއެއް ނޫންކަމަށް ޤަބޫލުކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

ލަސްނުކުރައްވައި އެހީތެރިކަން ހޯދައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ 1677 މެދުވެރިކޮށް، 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން (Psychological First Aid) ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ނަފްސާނީ ދުޅަހެޔޮކަމަކީ ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއްކަން ޤަބޫލުކޮށް، އެ ވުޒާރާއިން ދަނީ ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ފަންނީ ބޭފުޅުންނާއި ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންނެވެ.

އަދި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދެވޭނެ، ހަރުދަނާ ނިޒާމެއް ބިނާކުރުމުގައި ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަންދެމުން އެންމެން ގުޅިގެން ރައްކާތެރި އަދި އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.