ރާއްޖެއަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވެފައިވާ ކަމަށާއި އެކަމަކު ސަރުކާރުގެ އިސްރާފާއި ޚަރަދުތައް ކުޑަނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެގޮތުން އިންޑިއާއިން އޮކްޓޫބަރު 2024 ގައި ދިވެހި ސަރުކާރުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރުމުން އޮކްޓޫބަރު މަހު ސޮއިކުރި 30 ބިލިއަން އިންޑިއަން ރުޕީސް (319 މިލިއަން ޑޮލަރު) ބޭނުންކުރުމުގެ ފުރުސަތު އިންޑިއާ އިން ދީފައިވާތީ އެކަމަށް އިޝާރަތްކުރައްވާ ނަޝީދު ކުރެއްވި ޕޯސްޓުގައި ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އިންޑިއާއަށް ތައުރީފު ކުރައްވާފައެވެ.
ނަޝީދުގެ ޕޯސްޓުގައި ވިދާޅުވީ، ގައުމުތަކުން ދަރަނި ރޯލްއޯވާ ކުރާ އުސޫލަކީ މިއީ ކަމަށާއި ސަރުކާރުން ދަރަނީގެ ދެމެހެއްޓެނިކަން ކަށަވަރުކުރަން ޕްލޭނެއް ގެންގުޅެންޖެހޭ ކަމަށެވެ.
އަދި ފަތުރުވެރިކަމުގެ އާމްދަނީ ވަނީ 30 އިންސައްތަ ދަށްވެފައި ކަމަށާއި ނަމަވެސް ސަރުކާރުގެ ޚަރަދު ހުރީ މަތިކޮށް، އިސްރާފުކޮށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ބޭރުގެ މާލީ އިދާރާތަކުންނާއި އިގުތިސާދީ މާހިރުން ވެސް އަންނަނީ ސަރުކާރުގެ ޚަރަދާއި އިސްރާފު ކުޑަކުރަން ގޮވާލަމުންނެވެ.