"ޓެކްސީ ނަފާ" ލޯނު ސްކީމާ ގުޅޭގޮތުން ދިމާވެފައިވާ މައްސަލަތައް ބަލާނެ ކަމުގެ ޔަގީންކަން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރޭޑް އެންޑް ޓްރާންސްޕޯޓް މުޙައްމަދު ސަޢީދު ދެއްވައިފިއެވެ.
މީސްމީޑިއާގައި މިނިސްޓަރު ސައީދުއަށް އެޑްރެސްކުރައްވާ އާންމު މީހަކު މިއަދު އާންމުކުރި ސިޓީއެއްގައި ބުނެފައިވަނީ، ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރީ ނުކުރެވި ގިނަ ދުވަސްވަމުންދާއިރު، ލޯނު ދޫކުރި ފަރާތްތަކުން ލޯނު އަނބުރާ ދެއްކުމަށް ތަކުރާރުކޮށް ބާރު ފޯރުވަމުންދާ ކަމަށެވެ.
އަދި ކާރު ރަޖިސްޓަރީ ނުވެ ޓެކްސީ ދުއްވުމުގެ ހުއްދަ ނުލިބޭތީ، އެއްވެސް އާމްދަނީއެއް ނުލިބި ލޯނު ދައްކަން ޖެހުމަކީ ބޮޑު ތަކުލީފެއް ކަމަށާއި
ކާރު ރަޖިސްޓަރީ ވަންދެން ލޯނު ދެއްކުން ފަސްކޮށްދިނުމާއި (މޮރެޓޯރިއަމް)، ރަޖިސްޓްރޭޝަންގެ ކަންކަން އަވަސްކުރުމާއި،މި ލަސްވުމަކީ ލޯނު ނެގި ފަރާތްތަކުގެ އިހުމާލެއް ނޫންކަން ކަށަވަރުކޮށްދިނުމުގެ އިތުރުން ހުރިހާ ފަރާތްތަކަށް ހަމަހަމަ އިންސާފުވެރި ޙައްލެއް ހޯދައިދިނުމަށް އޭނާ ވަނީ އެދިފައެވެ.
އެގޮތުން މިކަމަށް އިޝާރަތްކުރައްވާ މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައި، ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކާއި ޙައްލުތައް ހޯދުމަކީ އެ މަނިކުފާނުގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
އަދި އެ މައްސަލަތައް ބަލައިދިނުމަށް ޓްރާންސްޕޯޓްގެ ކަންކަން ބެލެހެއްޓުމާ މަސްއޫލުވެ ތިއްބެވި ބޭފުޅުންނަށް މިހާރު އަންގާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.