ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނީ، ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފައިވާ ކަމަށެވެ.

އެތަކެތި އަތުލައި ގަނެފައިވަނީ، މިމަހުގެ 22 ވަނަ ދުވަހު ކަމަށާއި، އަތުލައިގަނެފައިވާ މަސްތުވާތަކެއްޗަކީ އެމްފެޓަމިން ކިޔާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ، އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 3.3 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަރާ ކަމަށެވެ.

ފުލުހުންނާއި އިމިގްރޭޝަންއާ ގުޅިގެން ކުރާ މަސައްކަތުން މިއަހަރުގެ މިހާތަނަށް އައިރު ރާއްޖެއަށް އެތެރެކުރަން އުޅުނު 86 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އަދި މިއީ މިދިޔަ އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު ރެކޯޑް އަދަދެކެވެ.