ހައްޖު ކިއު ދިގުވުމުގެ މައްސަލަ ހުރިހާ ގައުމަކަށް ދިމާވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، މިހާބޮޑަށް ކިއުއަށް މީހުން އިތުރުވާން ދިމާވި ސަބަބަކީ، ކޯވިޑާއި ގުޅިގެން 3 އަހަރު، ހައްޖުން ފުރުސަތު ނުލިބުމުންކަމަށެވެ. އެގޮތުން ފުރަތަމަ 2 އަހަރު އެއްވެސް ކޯޓާއެއް ދޫނުކުރާއިރު، 3 ވަނަ އަހަރު ލިބުނީ 400 ކޯޓާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކުންފުނިތަކަށް ދޭ ކޯޓާ ވަރަށް ބޮޑަށް މަދުކޮށްފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ހައްޖުގެ އަޅުކަމަށް ސައުދީއިން އިތުރު ކޯޓާ ދޫކުރާނަމަ، ރާއްޖެއަށް ކޯޓާ ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށެވެ. ހަމަމިއާއެކު ހައްޖުގެ ކަންކަން ކުރިއަށްގެންދަނީ ވަރަށް ތަރުތީބުންކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން އާއްމު ރައްޔިތުންނާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކަނޑައަޅާ ވަކި އިންސައްތައަކާއި، ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް ސަރުކާރުން ދޭ 50 ކޯޓާއާއި އެހީތެރިންނާއި އަދި ސަރުކާރުގެ ރަސްމީ ބޭނުމަށް ނަގާ ކޯޓާ ހިމެނެއެވެ.
މީގެ އިތުރުން ކުރީގެ އަހަރުތަކުގައި ކުންފުނިތަކަށް ހާއްސަކޮށް ކޯޓާތަކެއް ދޭ ކަމަށާއި، އެ އަދަދު މިހާރު ވަރަށް ބޮޑަށް މަދުކޮށްފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކުންފުނިތަކަށް ހާއްސަކޮށް އެ އަހަރު ހައްޖަށް ދެވޭގޮތަށް ކޯޓާ ދިނުމަކީ ގަބޫލުކުރާ ކަމެއް ނޫންކަމަށެވެ.
ވަޒީރު ވިދާޅުވީ މިގޮތަށް މިހާރު އިތުރު ކޯޓާ ދޫ ނުކުރަނީ ހައްޖާ ގުޅޭ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ސައުދީގައި ކުރިއަށްދާތީކަމަށެވެ. ނަމަވެސް މި މަސައްކަތްތައް ނިމި، ހުޅުވާލުމުން ރާއްޖެއަށް އިތުރު ކޯޓާ ލިބޭނެކަމުގެ އުއްމީދު ބޮޑުކަމަށާއި އެކަމުގެ ޔަގީންކަން ސައުދީއިން ދެއްވާކަމަށެވެ.
ވަޒީރު ވިދާޅުވީ، ހައްޖުގެ ކަންކަމުގައި ސައުދީއާއި ރާއްޖެއާއި ދެމެދު ވަރަށް ގާތް ގުޅުމެއް އުފެދިފައިވާކަމަށާއި، ބޮޑު އެއްބާރުލުމެއް ރާއްޖެއަށް ލިބޭކަމަށެެވެ.
ސައުދީއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ރާއްޖޭގެ އާބާދީއަށް ކޯޓާ ލިބެނީ، ކޮންމެ 1،000،000 މުސްލިމުންގެ އާބާދީއަށް ދޭ 1000 ކޯޓާގެ އުސޫލުގެ ދަށުންނެވެ. މީގެ ކުރީގެ އަހަރުތަކުގައި ޖާގައަށް ބަލާ އިތުރު ކޯޓާ ދޫކުރެއެވެ.
މިހާރު އުސޫލު އޮންނަގޮތުން ހައްޖު ކިއުއަށް އެރެނީ، ހައްޖައް ދާން ދައްކަންޖެހޭ ފައިސާގެ 75 އިންސައްތަ ފައިސާ ދައްކާ ނިމުމުންނެވެ. އަދި ލިސްޓުގައި އެމީހެއްގެ މައުލޫމާތު ނުވަތަ ހައްޖައްދާ ލިސްޓުގައި ނަން އޮތް އަހަރު، ހައްޖު ކޯޕަރޭޝަން ވެބްސައިޓް އަދި ފަހެލި ޕޯޓަލް މެދުވެރިކޮށް ބެލޭނެއެވެ.
މި ދެ އަހަރު ދިވެހި ހައްޖުވެރިންނަށް ލިބޭ ހިދުމަތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފަވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިނާގެ އިންތިޒާމުތަކާއި، މަދީނާ ދަތުރު ހައި ސްޕީޑް ރެއިލްގައި ކުރަން ފެށުމަކީ ބޮޑު ލުއިފަސޭހައެއްކަމަށެވެ. އަދި ހައްޖުވެރިން ހައްޖަށް ދިއުމަށް ދައްކާ ފައިސާގެ އިތުރުން، ދައުލަތުންވެސް މި ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޮޑު ހޭދައެއް ކުރާކަމަށް ވާޒީރު ވިދާޅުވިއެވެ.