ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ޚާއްސަ އިމާރާތެއް ތަރައްޤީރުމަށް ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަ ވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ ފައިސިންގް ފަރާތްތަކާއި ވާހަކަ ދައްކާ މާލަސްތަކެއް ނުވެ އެއްބަސްވުމަކާ ހަމައަށް އާދެވެގެން އެ ވުޒާރާއަށް ހާއްސަ ބިލްޑިގެއެއް އެޅުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ.

އެ އިމާރާތް އަޅާނީ މިހާރު އޮތް ބިމުގައި އެއް ނޫންކަމަށާއި އެ އިމާރާތް އެޅުމަށްޓަކައި 30000 އަކަފޫޓުގެ ބިމެއް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާދެއްވާފައިވާކަމަށް ވަޒިރު ފާހަގަކުރައްވާފައެވެ.

ވަޒިރު ވިދާޅުވީ އެ ވުޒާރަގައި 600 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު ޕަބްލިކް ވޯކްސްގެ މަސައްކަތްތައްވެސް އެ ވުޒާރާއާ ހަވާލުވެފައި އޮތުމުން ހެޑްކުއާޓާވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެއާ އެއްކޮށް ހުޅުމާލެގައި 14 ބުރީގެ އޮފީސް ބިލްޑިންގ އެޅުމަށްޓަކައި މިހާރު އޮތީސޮއިކުރުމާ ހިސާބުގައި ކަމަށް ވީ ނަމަވެސް އޭގެ ފައިނޭސް ޔަގީން ނުވުމުގެ ސަބަބުން އަދި ސޮއިނުކޮށް މަޑުކޮށްގެން ތިއްބެވީ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއާއެކު ދަރުބާރުގެ ރީޑިވެލޮތް ކުރުމުގެ ޕްލޭނެއްވެސް އެބައޮތްކަމަށާއި އެހެން ކަމުން އެ ތަނުން ބަދަލުވާންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

2024 ވަނަ އަހަރުގެ ޑިސެންބަރުމަހު ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީގޮތުން އެ ވުޒާރާގެ ހިންގުން ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފައެވެ.

ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި ދައުލަތުގެ 3 ވުޒާރާއެއްގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އަދި އަލިފާނުގެ ހަދިސާ ހިނގި ކޮށީގައި ހިންގަމުން ދިޔަ މާލެ ސިޓީ ކައުންސިލުގެ ބަޔަކަށްވެސް އަލިފާނުގެ އަސަރުކޮށްފައިވެއެވެ.