ޑެންގީ ހުން ޖެހިގެން މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ 17 އަހަރުގެ އަންހެން ކުއްޖަކު ނިޔާވެއްޖެއެވެ.
ނިޔާވީ މުލީގައި ހުންނަ މ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 ގައި ކިޔަވަމުންދިޔަ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ނިޔާވީ ބުރާސްފަތި ދުވަހުގެ ރޭ 10 ޖެހިކަންހާއިރުއެވެ.
އޭނާ ބަލިވެގެން މުލީ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓުކުރީ މި މަހުގެ 21 ވަނަ ދުވަހުއެވެ. ބުދަ ދުވަހުގެ ރޭ ދަންވަރު ހާލު ގޯސްވާން ފެށުމުން ބުރާސްފަތި ދުވަހުގެ ރޭ ނުވައެއް ޖެހިއިރު އެ ކުއްޖާއަށް ވަނީ އައިސީޔޫއަށް ބަދަލުކޮށްގެން ފަރުވާދީފައެވެ. ނަމަވެސް އައިސީޔޫއަށް ބަދަލުކުރިތާ ގަޑިއިރެއްވެސް ނުވަނީސް ކުއްޖާ ވަނީ ނިޔާވެފައެވެ.
ރާއްޖޭގައި ޑެންގީ ހުން ފެތުރޭ މިންވަރު ވަނީ ފާހަގަކުރެވޭ މިންވަރަށް އިތުރުވެފައެވެ.
މި މަހުގެ 13 ވަނަ ދުވަހުވެސް ވަނީ ށ. މިލަންދޫ އަށް ނިސްބަތްވާ 22 އަހަރުގެ ޒުވާނަކަށް ޑެންގީ ޖެހިގެން 22 ފަރުވާދެމުން އަންނަނިކޮށް ހާލުދެރަވެގެން ނިޔާވެފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ހުސްވި މާޗު މަހުގެ ތެރޭގައި އީޑީޒް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ ހުން ޖެހިގެން 535 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އަދި ފެބްރުއަރީ މަހު ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކޮށްފައި ވަނީ 428 ކޭހެވެ. މި އަދަދުތަކަކީ މީގެ ކުރީ ތިން އަހަރާ އަޅައިބަލާއިރު ވަރަށް ބޮޑުތަން އިތުރު އަދަދެކެވެ.
ޑެންގީ ފެތުރެނީ އެ ވައިރަސް ހަށިގަނޑުގައި ހިމެނޭ އަންހެން އީޑީޒް މަދިރިއެއް އިންސާނުންގެ ގައިގައި ހެފުމުންނެވެ. ޑެންގީ ހުމުގެ އާންމު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި ބޮލާއި ގައިގައި ރިއްސުމާއި މޭ ނުބައި ކުރުމެވެ.