އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލުމުގެ ބަދަލުގައި ޓައިމަލައިން އަށް ކޮންމެސް ވަރެއްގެ ބަދަލެއް ގެނެސްގެން ކުރިއަށް ގެންދިޔުމަކީ އެ ވުޒާރާއިން ރާވައިފައިވާ ގޮތް ކަމަށް ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނު ލިބުމުގައި ގިނަ ހުރަސްތަކެއް ހުރިކަމަށެވެ. އޭގެ ބަދަލުގައި މަޝްރޫޢުތަކުގެ ޓައިމްލައިނަށް ބައެއް ބަދަލު ގެނެސްގެން ނަމަވެސް މަސައްކަތް ނުހުއްޓިކުރިއަށް ގެންދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ތެލުގެ އަގު ދެގުނައަށް ބޮޑުވުމާއި ގުޅިން ގިނަ ޢަދަދެއްގެ ތެޔޮ ބޭނުންކޮށްގެން ކުރާ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކަކާއި ކުރިމަތިވެފައިވޭ. އޭގެތެރޭގައި ބިން ހިއްކުމާއި ބަނދަރު ހެދުން ފަދަ ކަންކަން ހިމެނޭ. މިވަގުތު އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ޚަރަދު ކުޑަވާނެ ގޮތަކަށްބަލައިގެން މަޝްރޫއުތައް ހިންގުމަށް. އެގޮތުން އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލުމުގެ ބަދަލުގައި ޓައިމްލައިނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްގެން ކުރިއަށްގެންދިޔުމަކީ އަޅުގަނޑުމެންގެ އަމާޒު.

ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް

އެހެންނަމަވެސް މިޙާލަތުގައިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ މަޝްރޫޢުތައް ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށާއި އޭގެ ބަދަލުގައި މަޝްރޫޢުތަކުގެ ޓައިމްލައިނަށް ބައެއް ބަދަލު ގެނެސްގެން ނަމަވެސް މަސައްކަތް ނުހުއްޓިކުރިއަށްގެންދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ހަނގުރާމައެއް ހިނގަމުންދާ މިދަނޑިވަޅުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން އެއްވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށެވެ. އެގޮތުން އަސާސީ ބާވަތްތައްކުގެ އަގުތައް މެނޭޖްކުރަމުން އެބާވަތްތައް ބާޒާރުން ލިބޭނެކަން ކަށަވަރުކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.