2010 ވަނަ އަހަރު ހިއްކާފައިވާ ބިންތަކުގެ ތެރެއިން 2 ރަށެއް ފިޔަވައި އެހެން ބިންތައް މިހާތަނަށް ބޭނުންކުރެވިފަ ނުވާ ކަމަށާއި އެ ތަންތަނުގެ އަސާސީ ޙިދުމަތްތައް ޤާއިމުކުރެވިފައި ނުވާކަމަށް ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ.

މިއަދު ރައީސް އޮފީސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ ޅ. ހިންނަވަރުގެ ބިން ހިއްކާފަ އޮންނަތާ ގާތް ގަނޑަކަށް 16 އަހަރު ވެއްޖެ ކަމަށެވެ. އަދި އެތަނުގައި މީހުންނަށް ބޭނުން ކުރެވޭ ގޮތަށް ފެނާއި ނަރުދަމާ، ކަރަންޓު އަދި މަގުތައް ހެދިފައި ނުވާ ކަމަށާއި މިހާރު ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަކަށް މިކަންތައްތައް ފުރިހަމަ ކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަރަށް ގިނަ ރަށްރަށުގައި ހުންނާނެ އެކި ކުންފުނިތަކާއި ހަވާލުކޮށްފަ އެއީ ކުންފުނިތަކުން ޑިޒައިން މަސައްކަތަކާ ވެސް ކުރިއަށް އެބަ ގެންދޭ. އެ ބިންތައް ވީހާވެސް އަވަހަކަށް ބޭނުން ކުރެވޭނެ ގޮތެއް ހެދުން

ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު

އެހެންކަމުން މިކަން ކުރާ އިރު ހަރަދު ކުޑަކުރުމައްޓަކައި ސަރުކާރު ކުންފުނިތައް މެދު ވެރިކޮށް މިމަސައްކަތް ކުރެވޭތޯ ބަލަމުން އަންނަ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރުގެ މާހައުލު އޮތް ގޮތުން ބޭރު ބަޔަކު ލޯނު ނަގައިގެން މިކަން ކުރުމަށް އައުމަކީ ފަސޭހަ ކަމެއް ނޫންކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ހަރަދު ކުޑަ ގޮތަކަށް މިކަން ކުރުމަށްޓަކައި ވަޒީރު ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި މިއީ ނިސްބަތުން ބަލާއިރު ވަރަށް ހަރަދު ބޮޑު ކަމެއް ކަންވަސް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ސަރުކާރުގެ އަމާޒަކީ މާލެ ސަރަހައްދުގައި ހިއްކާފައި ހުރި ބިންތައް ވެސް އަދި ރަށްރަށުގެ އަތޮޅުތަކުގައި ހިއްކާފައި ހުރި ބިންތައްވެސް ރައްޔިތުންނަށް ބޭނުން ކުރެވޭނެ ގޮތެއް ވީހާ ވެސް އަވަހަކަށް ފަހިކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.