ވަކި އަދަދަކަށް ޑްރަގް ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ދޭނީ، ސްޕްރީމް ކޯޓުގެ މުޅި ބެންޗުން ސަޕޯޓް ކޮށްގެން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މަސްތުވާތަކެތީގެ އެފަދަ ބޮޑެތި އަދަބުތައް ކަނޑައަޅަނީ ވަކި އަދަދަކަށް ކަނޑައަޅާފައިވާ ތްރެސްހޯލްޑްގެ ތެރެއިން ކަމަށެވެ. އެއީވެސް ސްޕްރިމް ކޯޓުގެ މުޅި ބެންޗުން ސަޕޯޓްކޮށްގެން ތަންފިޒުކުރެވިގެން ދާނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

" އެހެންމަ އޭގެ ތެރެސްހޮޅްޑް ވަރަށް ވަރުގަދަ ކޮށްފަ ވަނީ ، ހަމަ ޑްރަގް ޓްރެފިކިންގަ ހިމެނޭ ކުއްޖަކު ނުވަތަ މީހަކު މީގެ ތެރެއަށް ފެތިގެން ނުދާނެ ކަމަށް އަޅުގަނޑުމެންނަށް މިހާރު ގާނޫން އޮތް ގޮތުން ގަބޫލު ކުރެވެނީ."

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން

ވަޒީރު ވިދާޅުވީ، ކުށްތަކުގައި ގިނަ ބަޔަކު ޖަލުގައި ބަނދުކޮށްފައި ބެހެއްޓުމަކޠ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގައި އޮތް ކުށުގެ މާހައުލު ނައްތާލުން ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހާއްސަ ކޮށް ޑްރަގް ނެޓްވޯކް ތަކުގައި އެންމެ އުހުގައި ތިބީ ކޮންބައެއްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ، ގިނަފަހަރު މަސްތުވާ ތަކެއްޗާ އެކު އަތުލައިގަނެވިފައި ހުރީ އެކަމުގައި އެންމެ އިސްކޮށް ހުންނަ މީހާ ނޫން ކަމަށެވެ.

" އެހެންމަ އަޅުގަނޑުމެން މިހާރު މި މުޅި ނިޒާމު ސާފުކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަމުހން މިދަނީ، މި ނެޓްވޯކުތައް އޮޕަރޭޓް ކުރާ ފަރާތްތަކާ ދޭތެރޭގައި ގާނޫނީ ފިޔަވަޅުއަޅައި އެފަރާތްތައް ނިޒާމުގެ ތެރެއިން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުއެޅި އިސްލާހުގެ މަގަށް ގެނެވޭނެ ގޮތެއް އަޅުގަނޑުމެން މި ހޯދަނީ"

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން

ވަޒީރު އިތުރަށް ވިދާޅުވީ، މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި ޒުވާނުން އުޅުމަކީ ސަރުކާރުން އެއްވެސް ވަރަކަށް ޓޯލަރޭޓް ކުރާ ކަމެއް ނޫން ކަމަށެވެ.