މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ މުހައްމަދު އިޝާން ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ފުލުހުން ބުނީ މި އެޕްރީލް މަހުގެ 22 ވަނަ ދުވަހު ކުރެއްވި އިހުތިރާމުގެ މި ޒިޔާރަތަކީ އަލަށް އައްޔަންކުރެވުނު ކޮމިޝަނާ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި ތައާރަފުވުމުގެ ގޮތުން ކުރެއްވި ޒިޔާރަތެއް ކަމަށެވެ. އަދި މި ބައްދަލުވުން އަމާޒުކުރެވިފައި ވަނީ ދެ މުއައްސަސާ ދެމެދު ގުޅުން ބަދަހިކުރުމަށް ކަމަށްވެސް ބުނެފައިވެއެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން ވެސް ވަނީ ފައިނޭންޝަލް ކުށްތައް ދެނެގަނެ ތަހުގީގު ކުރުމުގައި ގުޅިގެން މަސައްކަތްކުރުމާއި، ދެ މުއައްސަސާ ދެމެދު މައުލޫމަތު ބަދަލުކުރުން އިތުރަށް ހަރުދަނާކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.

ކޮމިޝަނާ އޮފް ޕޮލިސް ވަނީ ބަދަލުވަމުން އަންނަ ކުށުގެ މާހައުލާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި، ހާއްސަކޮށް މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ދާއިރާތަކުގައި، ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.