ކަސްޓަމްސްއިން މި އަހަރު ތެރޭގައި 2003 ވޭޕް ސްޓިކް އަތުލައިގަތް ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަދައްކަމުން ވަޒީރު ވިދާޅުވީ ކަސްޓަމްސް އިން 27 ފެބްރުއަރީން ފެށިގެން މިއަދާހަމައަށް މަސްތުވާތަކެތީގެ 14 މައްސަލައެއް ގައި ހިމެނޭ ފަރާތްތައް އިންޓަސެޕްޓު ކޮށްފައިވާކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ އެ މައްސަލަ ތަކުގައި ހިމެނޭ 38 ކިލޯގެ މަސްތުވާތަކެއްޗަކީ ކަސްޓަމްސްގެ ބުރަ މަސައްކަތުން ހިފަހައްޓަފައިވާ ތަކެތި ކަމަށެވެ. އޭގެ އިތުރުން ގާތްގަނޑަކަށް 2003 ވޭޕް ސްޓިކް މި އަހަރުގެ ތެރޭގައި އަތުލާގަނެފައިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން މުޅި މި އަހަރަށް ބަލާލާ އިރު، 86 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން ހިފަހައްޓާފައިވާކަމަށް ވަޒީރު މައުލޫމާތުދެއްވިއެވެ.
ވަޒީރު ވަނީ ކަސްޓަމްސް ގެ މުވައްޒަފުން ކުރާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.