މިދިޔަ އަހަރު ގެވެށިއަނިޔާގެ 1193 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، އެފްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެއޮތޯރިޓީއަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހުށައަޅަނީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 900 އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވާކަމަށް އެއޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުން ރިޕޯޓުކުރާ މިންވަރު ވަނީ އިތުރުވެފައިވާ އިރު އެގޮތުން މިދިޔަ އަހަރު ގެވެށި އަނިޔާގެ 1193 މައްސަލަވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ރިޕޯޓުކޮށްފައެވެ.
މީގެތެރެއިން 901 މައްސަލައަކީ އަންހެނުންނަށް ކޮށްފައިވާ އަނިޔާގެ މައްސަލަކަމަށާއި، 197 މައްސަލައަކީ އަންހެން ކުދިންނަށް ކޮށްފައިވާ އަނިޔާގެ މައްސަލަތަކެވެ. މީގެއިތުރުން 239 މައްސަލައަކީ ފިރިހެނުންނަށް އަދި 188 މައްސަލައަކީ ފިރިހެން ކުދިންނަށް ގެވެށިއަނިޔާ ލިބިގެން ރިޕޯޓުކޮށްފައިވާ މައްސަލަތަކެވެ.
މިދިޔަ އަހަރު ހުށައެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ނަފްސާނީ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން ނަފްސާނީ އަނިޔާގެ 927 މައްސަލަ ހުށައަޅާފައިވާއިރު ޖިސްމާނީ އަނިޔާގެ 743 މައްސަލައާއި ބިރުދެއްކުމުގެ 515 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އަދި ޓެކްނޮލޮޖީ-ފެސިލިޓޭޓެޑް" އަނިޔާ ނުވަތަ ޓެކްނޮލިޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އަންހެނުންނަށާއި އަންހެން ކުދިންނަށް އަނިޔާކުރުމުގެ 106 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ.
މިފަދަ މައްސަލަތަކުގައި 18 އަހަރުން މަތީގެ އަންހެނުންނަށް އަނިޔާކޮށްފައިވަނީ ކުރީގެ ފިރިމީހާއާއި މިހާރުގެ ފިރިމީހާ އަދި ކުރީގެ ލޯބިވެރިޔާގެ ފަރާތުން ލިބިފައިވާ އަނިޔާގެ މައްސަލަތަކެވެ. އަދި 18 އަހަރުން ދަށުގެ އަންހެން ކުދިންނަށް މިބާވަތުގެ އަނިޔާ ގިނައިން ދިފައިވަނީ ބައްޕައިންގެ ފަރާތުންކަމަށް އެފްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރަންޖެހޭކަމަށް އެފްޕީއޭއިން ބުނެއެވެ. މިގޮތުން އެފަދަ އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، މާލީގޮތުން ފުދުންތެރިކަން ނުހުންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އެއޮތޯރިޓީން ވަނީ ބުނެފައެވެ.