މިހާތަނަށް ފުރިހަމަ މައުލޫމާތު ނުދޭ ބިދޭސީން އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޑީޕޯޓްކުރަން ފަށާނެކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ރައީސްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހްސާން ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރަނގި އޮޕަރޭޝަން ފެށުމުގެ ކުރިން ވޯކް ޕާމިޓް ފީއެއް ނުދައްކާ އަދި ވިސާއެއް ނެތި 148،417 މީހުން ތިބިކަމަށެވެ.

ނަމަވެސް އެމީހުންނަކީ ރާއްޖޭގައި އުޅޭ ނުވަތަ ރާއްޖެއިން ބޭރުގައި ތިބި ބައެއްކަން ޔަޤީން ކުރެވިފައިނުވާކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވީ އޭރު ރާއްޖޭގައި ގަވައިދާ އެއްގޮތަށް ތިބިކަމަށް ސިސްޓަމުން ދެއްކީ 28.97 އިންސައްތަ މީހުންކަމަށާއި އެއަދަދު މިދިޔަ ދެ އަހަރު ކުރި މަސައްކަތުން އިތުރުވެފައިވާކަމަށެވެ.

އިހުސާން ވިދާޅުވީ މިދިޔަ ދެއަހަރު ކުރި މަސައްކަތުން ފުރިހަމައަށް ފީތައް ދައްކާ އަދި ޑޮކިއުމަންޓްތައް ހަމަކޮށްފައިވާ ބިދޭސީން އަދަދު 62 އިންސައްތަ އަށް އިތުރުވެފައިވާކަމަށެވެ. އަދި މިދިޔަ ދެ އަހަރުގެ ތެރޭގައި ގާތްގަޑަކަށް ދެލައްކަ ހަ ހާސް މީހުންގެ ފިންގަ ޕްރިންޓް ނަގާ ބަޔޯމެޓްރިކްސް މައުލޫމާތު ހަމަކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު އެ މައުލޫމާތުތައް ނުދީ ތިބީ 2،933 މީހުންކަމަށާއި އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން އޮޕަރޭޝަން ކުރަނގީގެ ފޭސް 3 ގެ މަސައްކަތް ފަށައި، އެ ތަާރީހުން ފެށިގެން ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި މައުލޫމާތު ނުދޭ މީހުން ހޯދާ ހައްޔަރުކޮށް ރާއްޖެއިން ޑީޕޯޓް ކުރަން ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ފީ ނުދައްކާ އުޅޭ ކޮންމެ ބިދެސީއަކުވެސް ވަގުތުން ޑިޕޯޓްކޮށްލެވޭނެކަމަށް. ކޮންމެ ފަރާތަކަށްވެސް، އެ ފަރާތުގެ ބެލުމުގެ ދަށުގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ވާކް ޕާމިޓާއި ވިސާގެ ސްޓޭޓަސް ސިސްޓަމުން ފެންނަމުންދާނެ. އެންމެ ފަހުން ވިސާގެ ފީ ދައްކަންޖެހޭ ދުވަސް އިނގޭނެ. އެ ދުވަސްތެރޭގައި ވިސާ ފީތައް ދައްކާ ޤަވައިދާ އެއްގޮތަށް ބިދޭސީން ގެންގުޅުމަކީ އެދޭކަމެއް."

ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ތެރެއިން ރާއްޖޭގައި އުޅޭ ބިދޭސީންގެ ފުރިހަމަ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ގާނޫނާއި ގަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.

މި އޮޕަރޭޝަނަށް ބޭނުންވާ މައުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ގާއިމްކޮށްގެންނެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ ކަމަށް އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.