ހަނގާކުރާ ފަރާތްތަކާ މެދު ޖިނާޢީ ފިޔަވަޅު އެޅުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހާއެކު މަސައްކަތްކުރަމުން އަންނަކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މީހުންގެ ފުރާނައަށް ނުރައްކާވެދާ މިފަދަ ކުށްތަކަކީ ސީރިއަސް ކުށެއްގެ ގޮތުގައި ނުވަތަ ޖިނާއީ ކުށެއްގެ ގޮތުގައި ހެދުމަށްޓަކައި މަސައްކަތްކުރަމުންއަންނަކަމަށެވެ.

އެގޮތުން މިފަދަ ކުށްތަކަކީ ޖިނާއީ ދައުވާ އުފުލޭވަރުގެ ކަންކަމަށް ހެދޭނެ ގޮތްތައް ދެނެގަތުމަށް ބަންޑާރަނައިބުގެ އޮފީހާއެކު މަޝްވަރާކުރައްވަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބުލީގެ ޝިކާރައަކަށްވެ މީހުންގެ ފުރާނައަށް ނުރައްކާވެދާ ހާލަތަށް ބައެއް ކަންތައްތައް ހިނގަމުންދާކަމަށެވެ. އެހެންކަމުން މިފަދަ ކަންކަމުގައި ޖިނާއީ ފިޔަވަޅު އެޅޭނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ބުލީކުރުމާއި ގުޅޭގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމަށް، ޚާއްސަކޮށް ޖިނާޢީގޮތުން އެޅިދާނެ ފިޔަވަޅެއް އެބައޮތްތޯ އަޅުގަނޑުމެން މިހާރު މިދަނީ އެޓަރނީ ޖެނެރަލްގެ އޮފީހާއެކު މަސައްކަތްކުރަމުން."

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން

ހަނގާކުރުމުގެ މައްސަލަތައް ސްކޫލްތަކާއި ކޮލެޖް ޔުނިވަރސިޓީތަކުގައާއި މަސައްކަތުގެ މާހައުލުގައި ކުރިމަތިވުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. މީގެ ސަބަބުން މީހުންގެ ފުރާނަ ގެއްލި ހިތާމަވެރި އެތައް ހާދިސާތަކެއްދަނީ ހިނގަމުންނެވެ. މުޖުތަމައުގެ އެކި ފަރާތްތަކުން މިފަދަ މައްސަލަތަކުގައި ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު މިހާތަނަށް އައިއިރު ރާއްޖޭގައި ގާނޫނީ ނިޒާމެއްގެ ތެރޭގައި މިއީ ކުށެއްކަމަށް ކަނޑައަޅައި އެކަމަށްދެވޭނެ އަދަބެއް ކަނޑައަޅާފައި ނުވެއެވެ.