ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަނާލުގައި ނިޔާވި އަންހެން މީހާ މަރުވުމުގެ ކުރިން ފުލުހުންނަށް ގުޅިކަމަށްބުނެ ފެތުރެމުންދަނީ ހަގީގަތާ ހިލާފު ވާހަކަަތަކެއް ކަމަށާއި ނަމަވެސް މުއާމަލާތްތައް ކުރެވިފައިވާކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދަނާލުގައި ނިޔާވި މީހާގެ މަރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 8:40 ގައި އެ އަންހެން މީހާގެ ފަރާތުން ފުލުހުންގެ ހިދުމަތުގެ ވިކްޓިމް ސަޕޯޓްގެ ވައިބާ ނަންބަރަށް މެސެޖެއް ލިބުނު ކަމަށެވެ. އަދި 8:49 އާ ހަމައަށް ވިކްޓިމް ސަޕޯޓުން އޭނާއަށް ޖަވާބު ދިން ކަމަށާއި އެ މެސެޖަށް އޭނާގެ ފަރާތުން ޖަވާބެއް އައީ 8:50 ގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ އެރޭ 8:53 ގައި ދެ މެސެޖު ކުރި ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އޭނާ ރަނގަޅު ކަމަށާއި 8:56 ގައި ބޭރަށް ދާ ކަމަށް ބުނެ މެސެޖު ކުރި ކަމަށެވެ. އަދި އެރޭ ދަންވަރު 12:38 ގައި "އައިއެމް ގޯން" ކަމަށް ބުނެ ވިކްޓިމް ސަޕޯޓަށް މެސެޖު ކުރި ކަމަށާއި އޭގެ 3 މިނެޓު ތެރޭގައި އޭނާއަށް ޖަވާބުދީފައިވާ ކަަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއީ އެ އަންހެން މީހާއާއި ފުލުހުންގެ ވިކްޓިމް ސަޕޯޓާ ދެމެދު ކުރެވުނު އެންމެ ފަހުގެ މުއާމަލާތު ކަމަށެވެ.

އެ އަންހެން މީހާ ފުލުހުންނަށް ގުޅަން މަސައްކަތްކޮށްފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރިފައިވަނީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި އެފަދަ ވާހަކަތައް ނުފެތުރުމަށް ވަޒީރު ވިދާޅުވިއެވެ.

ނަފްސާނީ ކަންކަން ހިމެނޭފަދަ މައްސަލަތަކުގައި ވަރަށް ބޮޑަށް އެދެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް. މީގެ ސަބަބުން މިވަގުތު މިފަދަ ކަންކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ވަރަށް ބޮޑަށް އަސަރު ކުރަމުންދޭ އަދި ހަމައެއާއެކު މި ހާދިސާތައް ދިމާވެފައި ހިތާމަތައް ދިމާވެފައިވާ އާއިލާތަކަށް ނުހަނު ހިތާމަތައް ލިބިގެންދޭ"

ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން

ވަޒީރު އިތުރަށް ވިދާޅުވީ ވިކްޓިމް ސަޕޯޓުން އެންމެ ފަހުން ފޮނުވި މެސެޖަށް އަންހެން މީހާ ޖަވާބު ނުދީ އޭނާ އޮފްލައިންވުމުން 1:03 ހާއިރު ވިކްޓިމް ސަޕޯޓުން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅައި އެތަނަށް ފުލުހުން ފޮނުވުމަށް އެދިފައިވާ ކަމަށެވެ. އަދި ފުލުހުން 1:08 ހާއިރު ދަނާލަށް ވަދެފައިވާކަމަށާއި އެ އަންހެން މީހާ ދިރިއުޅުނު ކޮޓަރި ދެނެގަނެވުނީ 1:32 ހާއިރު ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން އެތެރޭގެ ރިވިއުއެއް ހިންގާނެ ކަމަށާ، މިނިވަން މުއައްސަސާތަކުންވެސް އެ މައްސަލަ ބަލަމުންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމަމިއާއެކު ނުސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ މިއީ ފުލުހުންގެ ވިކްޓިމް ސަޕޯޓް ލައިން އިން އެމިހާ އަށް ވާހަކަދެކެވުނު ފުރަތަމަ ފަހަރު ނުން ކަމަށެވެ.

މިއީ އަލަކަށް ނޫން މި ކުއްޖާއަށް ފުލުހުންގެ ވިކްޓިމް ސަޕޯޓް ލައިނާ މި ގޮތަށް ވާހަކަ ދެކެވިފަ ހުރި،"

ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން

އެ މީހާއަށް ސަޕޯޓްދެވުނީ އެންމެ ރަނގަޅަށްތޯ ބެލުމަށް ރިވިއު އެއް ކުރަމުން ދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިިކަން ކަމަށް އެޓެންޑު ކުރަނީ ޓްރެއިން ކޮށްފައިވާ ސައިކޮލޮޖިސްޓުން ނުވަތަ މި ދާއިރާގެ އެޒްޕެޓް ކުދިން ކަމަށެވެ.

ވަޒީރު ވިދާޅުވީ ރިވިއު ހެދުމަށް ފަހު ނަތީޖާތަށް ލިބުމުން އިތުރު މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.