އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް 5.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތައް މިއަދު އެ ކުންފުނީގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ކަމަށެވެ.
އެގޮތުންއެސްޓީއޯ އިން ބުނީ އެސްޓީއޯގެ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 5.5 ބިލިއަން ރުފިޔާ ލިބިފައި ކަމަށެވެ.
މިއީ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރާއި އަޅާ ބަލށއިރު 33 އިންސައްތައިގެ އިތުރުވުމެއް ކަމަށް އެކުންފުނިން ބުނެއެވެ.
ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މައްޗަށްދިޔުމާއި، އަދި މި ކުއާޓަރުގައި ބަންކަރިން ހިމެނޭގޮތަށް އެ ކުންފުނިން ވިއްކި ތެލުގެ އަދަދު 27 އިންސައްތަ އިތުރުވުމާއި، އަދި އެ ކުންފުނީގެ އެހެން ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވެ، އާމްދަނީ އިތުރުވެފައިވުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އެ ކުންފުނިން ބުނީ ޖުމްލަ އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 785 މިލިއަން ރުފިޔާ ލިބިފައި ކަމަށެވެ.
އަދި މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލާއިރު 17 އިންސައްތައިގެ އިތުރުވުމެއް ކަމަށް އެސްޓީއޯ އިން ބުނެފައި ވެއެވެ.
މީގެ އިތުރުން ހިންގުމުގެ ހަރަދު ނިސްބަތުން އިތުރުވީ ނަމަވެސް، ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި 14 އިންސައްތައިން އިތުރުވެ، 368 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އަދި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 20 އިންސައްތައިގެ އިތުރުވުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 276 މިލިއަން ރުފިޔާ ލިބިފައެވެ.