ލޯކަލް ކައުންސިލް އިންތިޚާބުގެ ދެ ދާއިރާއެއްގެ ވޯޓު އަލުން ގުނުމަށް ހުށައެޅި ދެ މައްސަލައެއް ބަލައި ނުގަތުމަށް ހައި ކޯޓުން ނިންމައިފިއެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބާ ގުޅިގެން ހައި ކޯޓަށް އިންތިޚާބީ ޝަކުވާގެ މައްސަލައެއް ހުށަހެޅީ މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ ފަރާތުންނާއި ތ. ތިމަރަފުށި ކައުންސިލްގެ މެމްބަރުކަމަށް ވާދަކުރެއްވި ކެންޑިޑޭޓެކެވެ.

އެގޮތުން އެމްޑީޕީގެ ފަރާތުން ހުށައެޅީ އެ ދާއިރާގެ ވޯޓު ފޮށްޓެއް އަލުން ގުނުމަށް ފަހު، އެމްޑީޕީގެ ދެ ކެންޑިޑޭޓަކަށް ލިބިފައިވާ ވޯޓުތައް ބާތިލް ކޮށްފައިވާތީ އެ ފޮށީގެ ވޯޓުތައް އަލުން ގުނުމަށެވެ.

ތިމަރަފުށީ ކައުންސިލަށް ވާދަކުރި ކެންޑިޑޭޓެއްގެ ފަރާތުން ޝަކުވާ ހުށަހެޅާފައި ވަނީ މާލޭގައި ބެހެއްޓި ފޮށްޓެއްގެ ވަގުތީ ނަތީޖާ އިއުލާންކުރި ފަހުން ބާތިލް ވޯޓުތައް ވެސް ހިމެނޭ ގޮތަށް ކޮމިޝަނުން ނަތީޖާ ޝީޓަށް ބަދަލު ގެނެސް އެހެން ކެންޑިޑޭޓަކު ހޮވިފައިވާކަމަށް އިއުލާންކުރި ކަމަށް ބުނެއެވެ.

މިގޮތުން މި ދެ މައްސަލައާ ގުޅޭގޮތުން ހައިކޯޓުގެ ރެޖިސްޓްރާ ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނިންމުން ގާނޫނާ ޚިލާފުވާ ގޮތެއް ބަޔާންކޮށްދީފައި ނުވާތީ، އެ ދެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.