ސްޕޯޓްސް މިނިސްޓްރީގެ ކޮންސަލްޓަންޓަކަށް ސްޕޯޓްސް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) އައްޔަންކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްރީން މިއަދު ކުރި ޕޯސްޓެއްގައި ވަނީ ސްޕޯޓްސް އެންޑް ފިޓްނަސްގެ މިނިސްޓަރުގެ އެޑްވައިޒަރަކަށް މައުރޫފް އަހްމަދު (މާއްޓޭ) އަދި ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރަކަށް މުހައްމަދު ހާނިމް އައްޔަން ކުރި ކަން ހާމަކޮށްފައެވެ.
ކުޅިވަރު ކުރިއެރުވުމަށް މިނިސްޓަރަށް ފަންނީ ލަފާދިނުމަށް މިނިސްޓަރުގެ އެޑްވައިޒަރަކަށް އައްޔަންކުރެއްވި މައުރޫފް އަމާޒަކަށްވާނީ މާލެއަށް ބަރޯސާވެފައި އޮތް ކުޅިވަރުގެ ވަސީލަތްތަކާއި މުބާރާތްތައް އަތޮޅުތަކަށް ފުޅާކޮށް، ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކުޅިވަރު ކުރިއެރުވުމަށް ލަފާ އެރުވުމެވެ.
މީގެ އިތުރުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ހާނިމްގެ އަމާޒަކަށްވާނީ ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރެގިއުލޭޓް ކުރުމާއި، ކުޅިވަރުގެ ގާނޫނުގެ ދަށުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ހަރުދަނާކުރުމެވެ.
މައުރޫފްއަކީ ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއް ކީޕަރެވެ.
ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރާގެ މަގާމަށް އައްޔަންކޮށްފައިވާ ހާނިމަކީ ސޯލް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރި އެތުލީޓެކެވެ. އަދި ސަރުކާރުގެ ސްޕޯޓްސް މިނިސްޓްރީގެ އެކި ފަންތީގެ މަގާމުތަކުގައި އޭނާ ވަނީ ކުޅިވަރު ޖަމްއިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، ގައުމީ ފެންވަރުގެ ކުޅިވަރު ސިޔާސަތުތައް ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.