ވަޒީފާއާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާޙު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރެއްކަމަށްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި އިސްލާޙެކެވެ.

އެގޮތުން މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް މެންބަރު މައުރޫފު ވިދާޅުވީ، ބައެއް ރިސޯޓުތަކުން ސާރވިސް ޗާޖުގެ ގޮތުގައި ފަތުރުވެރިން އަތުން ބޭރު ފައިސާ ނެގުމަށްފަހު މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ސާރވިސް ޗާޖު ދޭތީ ކަމަށެވެ.

އެ އިސްލާހުގައި ފާހަގަކޮށްފައިވާ ގޮތުން ސާރވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދޭ ފައިސާއަކީ، ފަތުރުވެރިން އަތުން ސާރވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާއަކުން ދޭ އެއްޗަކަށް ހެދުމަށް ވަނީ ހިމަނާފައެވެ. އަދި ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ސާރވިސް ޗާޖު ދޭންޖެހޭ ގޮތަށް އިސްލާޙު ގެނައުމަށް ވަނީ ހިމަނާފައެވެ.

މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ ޤާނޫނުގައި ވަރަށް ސާފުކޮށް ތަފާތު ކުރުމެއް ނެތި، ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ސާރވިސް ޗާޖު ލިބިދޭން ޖެހޭނެ ކަމަށް ބަޔާން ކޮށްދީފައި އެބައޮތް ކަމަށެވެ.

ނަމަވެސް ފަތުރުވެރި ކަމުގައި ޚިދުމަތް ދޭ ވިޔަފާރިތަކުން ސާރވިސް ޗާޖު މުވައްޒަފުންނަށް ދިނުމުގައި މި ފަހުން، ޚާއްސަކޮށް ސަރުކާރުގެ ފަރާތުން ޑޮލަރުގެ ސިޔާސަތަށް ގެނެވުނު ބަދަލާ ގުޅިގެން ވަރަށް ބޮޑަށް ސާރވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ ދިވެހި ރުފިޔާއިން މުވައްޒަފުންނަށް ދިނުމަށް ބަދަލު ކުރަމުންދާ ކަމަށެވެ.

އެހެންކަމުން ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަނުން ދަށްވެގެންދާކަމަށް މެންބަރު މައުރޫފު ޒާކިރު ވިދާޅުވިއެވެ.