އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މެއި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނޫގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވާނަމަ ކަނޑައެޅިފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން އެ ފޯމާއެކު ކުށާއި ދަރަނީގެ ރިކޯޑާއި ކަރެކްޝަނަލް ސާރވިސްއިން ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވާއިރު މިހާތަނަށް ތިން ބޭފުޅަކު ވަނީ އެ މަގާމަށް ޝައުގުވެރިަކން ފާޅުކުރައްވާފައެވެ.

އެ ތިން ބޭފުޅުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، މީކާއީލް ނަސީމްގެ އިތުރުން، އަލްހާން ފަހުމީއެވެ.

މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބޭއްވުމަށް އެ ޕާޓީން ތާވަލްކޮށްފައިވަނީ، އަންނަ ޖޫން މަހުގެ 12 ވާ ހުކުރުދުވަހުގެ މެންދުރު 14:30 ން ރޭގަނޑު 20:00 އާ ހަމަޔަށެވެ.